ޕާކިސްތާނުގައި ތެލާއި، ކަރަންޓުގެ އަގު އުފުލުމާއި ގުޅިގެން ބޮޑުވަޒީރު އިމްރާން ހާން އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ޕާކިސްތާން ޕީޕަލްސް ޕާޓީގެ ޗެއަރމަން ވިދާޅުވީ، ކަރަންޓް ޓެރިފް ހަތަރު ރުޕީސް ބޮޑުކުރުމަށްފަހު، ތެލުގެ ބާވަތްތަކުގެ އަގުތައް މިހާރު ލީޓަރަކުން ތިން ރުޕީސްއަށްވުރެ ބޮޑުކޮށްފައިވާ ކަމަށެވެ.

ޕީޓީއައިގެ މިހާރުގެ ކޯލިޝަން ސަރުކާރުން ހިންގަމުން މިދާ ޖަރީމާތަކުގެ ސަބަބުން އާންމުންގެ "އިގްތިސާދު މަރު"ވަމުން ދާ ކަމަށް ބުނެ ޕީޕީޕީއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އިގުތިސޯދީ ކާރިސާއިން މީހުން ސަލާމަތް ކުރުމުގެ މަގުސަދުގައި ސަރުކާރާއި ދެކޮޅަށްް މުޒާހަރާއެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

"އިންފްލޭޝަން އާއި ވަޒީފާ ނުލިބި ތިބި މީހުންގެ އަދަދު ނިސްބަތުން މަދުކުރަން އެބަޖެހޭ. ކުރިޔަށްވުރެ ބޮޑަށް މި ސަރުކާރުގައި މި ކަންކަން މިވަނީ ނިސްބަތުން އިތުރުވެ، ނިމުމަކަށް ގެނައުން މުހިންމު ވެފައި،" އިދިކޮޅު ޕާޓީގެ މެމްބަރަކު ވިދާޅުވެފައި ވެއެވެ.

އިދިކޮޅު ޕާޓީގެ ފަރާތްތަކުން ބުނާގޮތުގައި އިމްރާން ހާން ޖަވާބުދާރީ ކުރުވުމަށް ކޮންމެ ގޮތަކަށްވެސް މި މުޒާހަރާ ކުރިޔަށް ގެންދާނެއެވެ. މުޒާހަރާ ކުރިޔަށް ގެންދިއުމަށް ރާވާފައިވަނީ ފެބްރުއަރީ މަހު 27ވަނަ ދުވަހުއެވެ.

ޕީޕީޕީގެ ޗެއާމަން ވިދާޅުވީ ގޭހާއި ކަރަންޓުގެ ބާވަތްތަކަށްފަހު ޕެޓްރޯލިއަމްގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަކީ ރައްޔިތުންގެ އަތުން "ފޭރުން" ކަހަލަ ކަމެއް ކަމަށެވެ.

އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އަށް ސަރުކާރުން މޯގޭޖް ކޮށްފައިވާ ކަމަށާއި، ޕާކިސްތާނުގެ ނިންމުންތައް މިހާރު ނިންމަމުން ދަނީ ބޭރު ޤައުމުތަކުގައި ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު