ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލައި އެގައުމު އާންމު ހާލަތަށް ގެނައުމަށް ނިންމައިފިއެވެ.

އެގައުމުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެފައި ވަނީ އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އަންނަ ހަފްތާގެ ތެރޭގައި އުވާލާނެ ކަމަށެވެ.

ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޮން އާއި އެކީ އިނގިރޭސިވިލާތުގައި ކޮވިޑްގެ ވޭދަނަތައް އިތުރުވުމާއި ގުޅިގެން ފިޔަވަޅުތައް ހަރުކަށި ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާއިން ފެށިގެން ބަލި ޖެހޭ މީހުންގެ އަދަދު ދަށް ވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ދަށްވާން ފެށުމާއި އެކީ ބޮރިސް ވަނީ "ޕްލޭން ބީ" އަށް ދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެގައުމުގެ ކެބިނެޓް މިނިސްޓަރުން ވަނީ މި މަހުގެ 26 ވަނަ ދުވަހު އެ ޕްލޭން ދިރާސާ ކުރާނެ ކަން ވެސް އަންގަވާފައެވެ.

މި މަހުގެ 26 ވަނަ ދުވަހަކީ އެގައުމުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަމަވާ ދުވަހަށްވީ ނަމަވެސް ސަރުކާރުން މުއްދަތު އިތުރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ބޮރިސްގެ ޕްލޭން ބީ ގެ ދަށުން ގޭގައި ކޮންމެހެން މަސައްކަތް ކުރަން ޖެހޭ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓު ދަތުރު ކުރާ ފަރާތްތަކާއި ބަންދުވެފައިވާ ތަންތަނަށް ވަންނަ ފަރާތްތަކުން މާސްކު އަޅަން ޖެހޭނެއެވެ.

މީގެ އިތުރުން ތަންތަނަށް ޒިޔާރަތް ކުރާ ފަރާތްތަކުން ވެކްސިން ޖަހާފައިވާކަމުގެ ހެކި ވެސް ދައްކަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.