މީގެ ކުރިން އިނގިރޭސިވިލާތުން ދުވަހަކުވެސް ގައުމަކާއި ދެކޮޅަށް އަޅާފައިނުވާވަރުގެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިނގިރޭސިވިލާތުން ރަޝިއާއަށް އަޅަން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ދެންމެ ވިދާޅުވީ އިނގިރޭސިވިލާތުގައި ހުރި ރަޝިއާ ބޭންކްތަކުގެ 154 ބިލިއަން ޕައުންޑް އިނގިރޭސިވިލާތުގެ ބޭންކްތަކުން ފްރީޒްކޮށް ރަޝިއާގެ އެއްވެސް ބޭންކަކުން އިނގިރޭސިވިލާތުގެ ބޭންކެއް މެދުވެރިކޮށް އެއްވެސް މާލީ މުއާމަލާތެއް ކުރުން މަނާކުރަން ނިންމާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުން ބުނާ ގޮތުގައި މިއީ "ރަޝިއާގެ ކަރު ބުޑުގައި ރަހަލާވަރުގެ" ދަތިކުރުމުގެ ފިޔަވަޅުތަކެކެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ އިނގިރޭސިވިލާތުގެ ފައިނޭޝިއަލް ސިސްޓަމް މެދުވެރިކޮށް ރަޝިއާގެ ބޭންކެއްގެ އެއްވެސް ފައިސާއެއް ދެން ދައުރު ނުވާނެކަމަށެވެ. "އިނގިރޭސިލާތުގެ ފައިނޭންޝިއަލް ސިސްޓަމް މެދުވެރިކޮށް ރަޝިއާ އަށް ދެން ފައިސާ ވަގަކަށް ނުނެގޭނެ. އަދި ފައިސާ ދޮވުން ވެސް ދެން ކުރިއަކަށް ނުގެންދެވޭނެ." ޖޯންސަން ވިދާޅުވިއެވެ.

ޖޯންސަން ވިދާޅުވީ ރަޝިއާ އިން ބޭނުންކުރާ މާލީ މުއާމަލާތްތަކުގެ ދެބައިކުޅަ އެއްބަޔަކީ އެމެރިކާ ޑޮލަރު ކަމަށާއި އެމެރިކާ އިން ވެސް އިނގިރޭސިވިލާތުން އެޅި ވަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް ރަޝިއާ އާއި ދެކޮޅަށް އެޅުމަށް ގޮވާލާ ކަމަށެވެ.

ރަޝިއާ ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ރަޝިއާގެ އާއްމުންނަށް ވެސް އިނގިރޭސިވިލާތައް ޑިޕޮސިޓް ކުރެވޭ ފައިސާގެ އަދަދު ލިމިޓް ކުރައްވާނެ ކަމަށް ޖޯންސަން ވިދާޅުވިއެވެ.

އަދި ރަޝިއާގެ ވަކި ހާއްސަ 100 މީހަކަށް އަމާޒުކޮށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މަޝްވަރާތައް ވެސް ކުރިއަށްްދާކަމަށް ޖޯންސަން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ރަޝިއާ އާއި ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް މިއިއުލާން ކުރީ މިރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޖީ-7 ގައުމުތަކުގެ ބައްދަލުވުމަށް ފަހުއެވެ.

ޖޯންސަން ވިދާޅުވީ ދުނިޔޭގެ އިޤުތިސޯދުގެ ތެރެއިން ރަޝިއާ އެކަހެރި ކޮށްލާނެ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ އެކަން ކުރަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނުރަބޯ

    އެމެރިކާގެ ބަސް އަހައިގެން ޔޫރަޕްގެ ގައުމުތަކުން މީގެ ކުރިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން ވެސް އެކަމުގެ ހުރިހާ ގެއްލުމެއް ލިބުނީ ހަމަ ޔޫރަޕްގެ ގައުމު ތަކަށެވެ. ވީމާ ރަޝިޔާ އާ ދެކޮޅަށް އެމެރިކާގެ ޕަޕެޓް އިނގިރޭސީން އަޅާފިޔަވަޅަކުން ހިތިރަހަލާނީ ޚުދު އިނގިރޭސީންގެ ކަރުތެރޭގައެވެ. ތިޔަހެން ތެޅެނިކޮށް ފެންނާނީ ރައީސް ޕުޓިން ބޮނދުބުޑަށް ސައިކިޔާ ތަނެވެ.

    27
    3
  2. ޙެއް ހެއް

    މިއޮތް ހުރިހާ ދުވަހު ފައިސާ ދޮންނަން ދިީގެންދޯތިބީ.

    22
    2
  3. ކަލޯ

    ތިކަމުގެ ހިތިރަަހަ ކަރުބުޑުގަ ބޮޑަށް ލާނީ ކަލޭމެންގެ...

    24
    2
  4. ދޭވުޝްކާ

    ކިކިކީ... ކޮންއިރަކުތަ ކަލޭމެންގެ އަޅަކަށްވީ. ރަޝިއާ އަކީ އެއްވެސް ބަޔަކަށް ސަލާން ޖަހާގެން އުޅުނު ބައެއް ނޫން. އެމެރިކާއާއި ނޭޓޯ ބަލިކުރައްވާންދޭ! އާމީން

    26
    3
  5. ކެނެރީ

    ބޮރިސް ކަލޭޖެހޭނީ މަހަށްދާން

    22
    1
  6. ހަރުކަށި

    ހަރުކަށި ފިޔަވަޅަކުން ހަރުކަށި ބަޔަކު މައިތިރި އެއް ނުކުރެވޭނެ..
    ލަފާކުރެވޭގޮތުގައި ދަތިކުރުމުގެ ކަލްޗަރ އާއި ދެކޮޅަށް ރަޝިޔާއިން ދޫކޮށްލާ ރައްދުން ކާރުތަކުގެ ބުޑުގައި ދާއިމީ ރަހަތަކެއް ލާނެ،
    އިނގިރޭސިފޮނިކަންމަތީން ގިނަބަޔަކަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް ފެނޭ

    20
  7. ތެރޭސާ

    ޕާރޓީ ޖޯންސަން ރަނގަޅުވާނެ ޕާރޓީކުރަން

    13