ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް އެގައުމަށް ވެއްޓިއްޖެެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ބޯޓު ވެއްޓިފައިވަނީ ޔޫކްރޭނާއި ކައިރި، ރަޝިއާގެ ވޮރޮނޭޖް ސަރަހައްދަށެވެ.

ބޯޓު ވެއްޓުނު ހާދިސާއާއި ގުޅިގެން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ އެބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. މި ހާދިސާގައި ބޯޓުގެ ކްރޫއަކު މަރުވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަޝިއާއާއި ޔޫކްރޭންގެ މަސްރަހު ގޯސްވެ، ހަނގުރާމަ ފަށާފައިވާއިރު، ދެގައުމުން ވެސް އަންނަނީ ބޮޑެތި ހަމަލާ ބަދަލުކުރުންތައް ދެމުންނެވެ. އެގޮތުން ޔޫކްރޭނުން މިހާތަނަށް ރަޝިއާގެ އަސްކަރީ ބޯޓަކާއި ހެލިކަޕްޓަރު ތަކެއް ވައްޓާލާފައިވާ ކަމަށް ޔޫކްރޭނުން ވަނީ ބުނެފައެވެ. އަދި ރަޝިއާއިން ވެސް ވަނީ ޔޫކްރޭނުގެ ބޯޓުތަކެއް ވައްޓާލާފައެވެ.

ދެގައުމުގެ ދެމެދުގައި ކުރެވެމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި މިހާތަނަށް ޔޫކްރޭނުން 40 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ރަޝިއާއިން ބުނެފައިވަނީ ޔޫކްރޭނުން ދީފައިވާ ހަމަލާ ތަކުގައި މަރުވެފައިވަނީ އެގައުމުގެ ތިން މީހުން ކަމަށެވެ.

ރަޝިއާއިން ޔޫކްރޭނަށް ހަމަލާތައް ދިނުމުގެ ކުރިން އެކަން ހުއްޓުވުމަށް އިނގިރޭސިވިލާތުން ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ. ނަމަވެސް އެގައުމުން ވަނީ ފިޔަވަޅުތަކަށް ބެލުމެއް ނެތި އިއްޔެ ހަނގުރާމަ ފަށާފައެވެ.

ހަނގުރާމަ ފެށުމާއި ގުޅިގެން އިނގިރޭސިވިލާތުން އަނެއްކާ ވެސް ގިނަ އަދަދެއްގެ ފިޔަވަޅުތަކެއް ރަޝިއާއި ދެކޮޅަށް އަޅާފައެވެ. އެގޮތުން އިނގިރޭސިވިލާތުގައި ހުރި ރަޝިއާ ބޭންކްތަކުގެ 154 ބިލިއަން ޕައުންޑް އިނގިރޭސިވިލާތުގެ ބޭންކްތަކުން ފްރީޒްކޮށް ރަޝިއާގެ އެއްވެސް ބޭންކަކުން އިނގިރޭސިވިލާތުގެ ބޭންކެއް މެދުވެރިކޮށް އެއްވެސް މާލީ މުއާމަލާތެއް ކުރުން މަނާ ކުރަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު