ޔޫކްރޭނަށް ރަޝިއާ އިން ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމަކަށް ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އިސްވެ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ފޯނުން ގުޅުއްވައިގެން ކުރިއަށް ގެންދެވި މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މެކްރޯން، ޕޫޓިން އަށް ގުޅުއްވައި ރަޝިއާގެ އަސްކަރީ އޮޕަރޭޝަން ހުއްޓާލުމަށް ފަހު މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމަށް އެދިވަޑައިގެންނެވިއެވެ.

އަދި ޔޫކްރޭންގެ ރައީސް ޒުލެންސްކީގެ ފަރާތުން ވެސް އެދިވަޑައިގަންނަވާ އެދިވަޑައިގަތުމެއްގެ ގޮތުގައި ހަމަލާތައް ހުއްޓާލުމަށް މެކްރޯން ޕޫޓިންގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ.

ނަމަވެސް ހަމަލާތައް ހުއްޓުވުމުގެ ބަދަލުގައި ޕޫޓިން ވަނީ ހަނގުރާމަ ކުރިއަށް ގެންދަން ޖެހޭ ސަބަބުތައް މެކްރޯން އަށް ދަންނަވާފައެވެ. "ޕޫޓިން ވަނީ މިއަސްކަރީ އޮޕަރޭޝަން ފަށަން ޖެހުނު ސަބަބާއި އަދި އޮޕަރޭޝަން ކުރިއަށް ގެންދަން ޖެހޭ ސަބަބުތައް ދަންނަވާފައި." ރަޝިއާ ސަރުކާރުން ބުންޏެވެ.

މަޝްވަރާތައް އެއްވެސް ކޮޅެއްގައި ނުޖެހި ނިމުނު ނަމަވެސް މެކްރޯން އާއި ޕޫޓިން ވެސް ވަނީ އަދި ކުރިއަށް އޮތްތަނުގައި ވެސް ދެބޭފުޅުން މަޝްވަރާ ކުރަން ޖެހޭ ކަންކަމުގައި މަޝްވަރާ ކުރުމަށް އެއްބަސްވެފައެވެ.

ރަޝިއާ އާއި ޔޫކްރޭންގެ މައްސަލަ ހައްލު ކުރުމަށް ކުރިން ވެސް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ މެކްރޯން އެވެ. ހަނގުރާމައަކަށް ނުގޮސް މައްސަލަ ހައްލު ކުރުމަށް މެދުވެރިއެއްގެ ރޯލް އަދާކޮށް މެކްރޯން ގިނަ މަޝްވަރާތަކެއް ކުރެއްވެވިއެވެ.

މެކްރޯން އަކީ އިއްޔެ ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށިފަހުން ޕޫޓިން އާއި މަޝްވަރާ ކުރެއްވި ހުޅަނގުގެ ހަމައެކަނި ލީޑަރެވެ.

އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ރަޝިއާ އާއި މަޝްވަރާ ކޮށްގެން ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ހަނގުރާމަ ހުއްޓުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފދފދ

    dhajaal