ޔޫކްރެއިންގެ ވެރިރަށް ކިއޭވްގައި ހުރި ތެޔޮ ރައްކާ ކުރާ ތަނަކަށް ރަޝިއާ އިން ހަމަލާދީފިއެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ވަސީކީވް ސަރަހައްދުގައި ހުންނަ ތެޔޮ ރައްކާ ކުރާ ތަނަކަށް ރަޝިއާ އިން ދިނީ ރޮކެޓް ހަމަލާއެކެވެ. އަދި އެ ތަނުގައި ވަރަށް ބޮޑު އަލިފާން ގަނޑެއް އުފެދި، ހުޅުގަނޑު ވަރަށް ގަދަ އަށް ފެތުރިގެން ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ ބޮޑު ހުޅުގަނޑު ގަޑިއިރަކަށް ވުރެ ގިނަ އިރު ދެމިގެންދިޔައެވެ. އެ ތަން ރޯވެ އަނދައި މަންޒަރު ފެންނަ ވީޑިއޯތައް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

އެ ސަރަހައްދަކީ ޔޫކްރެއިން ސިފައިންނާއި ރަޝިއާ ސިފައިންނާ ދެމެދު ހަނގުރާމަ ބަދަލު ކުރެވެމުންދާ އެއް ސަރަހައްދެވެ.

ޔޫކްރެއިންގެ ސަރުކާރުން މިހާރު ވަނީ ތެޔޮ ރައްކާ ކުރާ ތަނަކަށް ރޮކެޓް ހަމަލާއެއް އަމާޒުވި ކަން ކަށަވަރުކޮށްދީފައެވެ. މި ހާދިސާގައި މީހަކު މަރުވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައިގަނެ ހިންގަމުން އަންނަ ހަނގުރާމައިގައި ވައިގެ މަގުންނާއި އެއްގަމު މަގުން ދަނީ ޔޫކްރެއިނަށް ހަމަލާ ދެމުންނެވެ. މި ހަމަލާތަކުގައި ޔޫކްރެއިންގެ އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. އަދި ރަޝިއާ ސިފައިންގެ ގިނަ ބަޔަކު ވެސް މަރުވެފައިވެއެވެ.

ޔޫކުރޭންގެ އިރުމަތީގައި، ރަޝިއާއާ އިންވެގެން އޮތް ޔޫކްރޭނާ ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދު ކަމުގައިވާ ލުހާންސްކް އަދި ޑޮނެސްކްގެ މިނިވަންކަން ރަޝިއާ ގަބޫލުކޮށް އެ ދެ ސަރަހައްދުގައި ސުލްހަ ގާއިމް ކުރުމުގެ ނަމުގައި ސިފައިން ފޮނުވުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ނިންމަވައި އެކަމަށް އަމުރު ކުރެއްވުމާއެކު، ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ވަރުގަދަ ހަމަލާތަކެއް ވަނީ ބަދަލު ކުރަން ފަށައިފައެވެ.

މި ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބެނީ ޔޫކްރެއިނަށެވެ.

ކިޔުންތެރިންގެ ހިޔާލު