ޔޫކްރޭނަށް ރަޝިޔާއިން ދެމުންގެންދާ ހަމަލާތަކުގެ ދިފާއުގައި ގިނަ އަދަދެއްގެ އަންހެނުންތަކެއް އަމިއްލަ އަށް ގޮވާތަކެތި ހަދަން ފަށައިފިއެވެ.

ދާދިފަހުން ޔޫކްރޭންގެ ހިތްވަރުގަދަ އަންހެނުން ތަކެއް ބާރުގަދަ ރަޝިޔާގެ ފައުޖުތަކާއި ހަނގުރާމަ ކުރުމަށް އަލިފާން ބޮންތަކެއް އުފައްދާ ތަނުގެ ފޮޓޯތަކެއް މިވަނީ އާންމުވެފައެވެ.

ރަޝިޔާއިން ޔޫކްރޭންގެ އެކި ހިސާބުތަކަށް ދެމުންދާ ހަމަލާތަކުގައި އާންމުން ހިމެނޭގޮތަށް އެތައް ބަޔަކު މަރުވަމުންދާއިރު، ޔޫކްރޭންގެ ސަރުކާރުން މީގެ ކުރިން ވަނީ އެގައުމުގެ 18 އަހަރާއި 60 އަހަރާއި ދެމެދުގެ ހަތިޔާރު އުފުއްލޭ ކޮންމެ މީހަކު ހަނގުރާމައިގައި ބައިވެރި ވުމަށް އެދިފައެވެ.

މިއާއެކު ރަޝިޔާގެ ސިފައިންނާއި ދެކޮޅަށް ޑީނިޕްރޯގައި އަންހެނުން އެމީހުންގެ ގެދޮރާއި އަމިއްލަ ފުރާނަ ދިފާއުކުރުމަށް ގޭގައި ދަނީ ހަތިޔާރުތައް ތާއްޔާރުވަމުންނެވެ.

ހަނގުރާމައިގެ އެއްވެސް ތަމްރީނެއް ލިބިފައި ނެތް އެތައް ބަޔަކު ހިތްވަރާއި އެކު ރަޝިޔާގެ ފައުޖުތަކާއި ކުރިމަތިލަމުންދާއިރު ގޮވާތަކެތި ހަދަމުންދާ އަންހެނުން ބުނަމުންދަނީ އެމީހުން މުރާ މަސައްކަތްތަކާއިމެދު މާބޮޑަށް ނުވިސްނާ ކަމަށެވެ.

ރަޝިޔާގެ ސިފައިން ޔޫކްރޭންގެ ވެރިރަށް، ކިއޭވްއާ ގާތްކުރަމުންދާއިރު، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިއާގެ އެއް ވަނަ ޓާގެޓަކީ އޭނާ ކަމަށާއި ދެން އޭނާގެ އާއިލާ އޭގެ ފަހަތުގައި ތިބި ކަމަށް އިންޓެލިޖެންސް ލިބިފައިވާ ކަމަށެވެ.

ޒެލެންސްކީ ތަކުރާރުކޮށް ސުލްހައަށް ގޮވާލެއްވި ނަމަވެސް ރަޝިޔާއިން އެކަމަށް އެއްވެސް ޖަވާބެއް ނުދެއެވެ. ޒެލެންސްކީ ވިދާޅުވީ ޔޫކްރޭން އިން އަމިއްލަ ނަފްސު ދިފާއު ކުރާނެ ކަމަށެވެ. އޭނާ ދަނީ އެގައުމުގެ ރައްޔިތުންނަށް ގައުމުގެ ދިފާއުގައި ނުކުމެ ތިބުމަތް ހިތްވަރު ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސާބަސް ހަމަ