ހޮހޮޅައެއްގައި ތާށިވެފައި ވަނިކޮށް ސަލާމަތް ކުރި ފުޓްބޯޅަ ޓީމްގެ ކުދިންނާއި އެކުދިންގެ ކޯޗް މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކޮށްފިއެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ހުރިހާ ކުދިންނާއި ކޯޗް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކުދިން ވަނީ އެކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރި ޑައިވަރުންގެ އަޑު ކުދިންނަށް ފުރަތަމަ އިވުމުން ކުރެވުނު އިހްސާސް ކިޔައިދީފައެވެ.

"އަހަރެމެން ހިއެއް ނުކުރަން އެއީ ޙަޤީޤަތެއް ކަމަކަށް. އަހަރެމެންނަށް ހީވީ އެއީ ހުވަފެނެއް ކަމަށް." އެއް ކުއްޖަކު ބުންޏެވެ.

އެކުއްޖާ ބުނީ ޑައިވަރުގެ އަޑު ފުރަތަމަ އިވުނީ އަނދިރިން ކަމަށާއި އެހެންކަމުން އެއީ ހަޤީޤަތެއް ކަމަށް ގަބޫލު ނުކުރެވުނީ ކަމަށެވެ.

ޓީމްގައި ހިމެނެނީ އިނގިރޭސިބަހުން ވާހަކަދައްކަން އެނގޭ އެންމެ ކުއްޖެކެވެ. އެކުއްޖާ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ "ބަޔަކު ވާހަކަދައްކާ އަޑު އަހަރެންނަށް އިވުނު. ނަމަވެސް އެމީހުން ބުނި އެއްޗެއް އަހަރެންނަކަށް ސާފެއް ނުވި. އަހަރެން ބުނިން ހެލޯ އޭ. އެހާ ހިސާބުން ޑައިވަރުގެ އަޑު ސާފުކޮށް އިވުނު." ކަމަށެވެ.

ކުދިންނާއި ކޯޗް ހޮހޮޅައަށް ވަން އިރު އެމީހުންގެ އަތުގައި ކޮންމެވެސް ވަރަކަށް ކާއެއްޗެހި ހުއްޓެވެ. ނަމަވެސް ދެދުވަސް ވީއިރު ހުރިހާ ކާއެއްޗެއް ހުސްވެއްޖެއެވެ. އޭގެ ފަހުން އެމީހުން ތިބީ ހޮހޮޅައިގައި ބޮޑުވެފައިވާ ފެން ބޮއެގެންނެވެ.

ޓީމްގައި ހިމެނޭ އެންމެ ހަގު ކުއްޖާ ބުނީ އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރީ ކާއެއްޗެހި މަތިން ހަނދާންނުކޮށް އިނދެވޭތޯއެވެ.

"އަހަރެން އެންމެ މަސައްކަތް ކުރީ ކާއެއްޗެހި މަތިން ހަނދާންނުކޮށް އިންނަން. ނަމަވެސް އަބަދުވެސް އަހަރެންނަށް ހަނދާންވީ ފްރައިޑް ރައިސް މަތިން." އޭނާ ބުންޏެވެ.

ހޮހޮޅައިގައި ތާށިވިތާ 18 ދުވަސް ފަހުން ހުރިހާ ކުދިންނާއި ކޯޗް ސަލާމަތްކޮށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިއަދު ދޫކޮށްލާފައި ވާއިރު ދެން އެއްވެސް ކުއްޖަކާއި ނޫސްވެރިން ސުވާލު ކުރުން ވަނީ މަނާކޮށްފައެވެ.