އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން އަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

2016 ވަނަ އަހަރު އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ހިލަރީ ކުރި ޓުވީޓެއްގައި ވިދާޅުވީ އެކަމަނާ ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި މިހާރު ފެންނަނީ ބަލީގެ ވަރަށް ކުދި އަލާމާތްތަކެއް ކަމަށެވެ. ކޮވިޑުން ދިފާއު ވުމަށް ވެކްސިން ޖަހައިގެން ހުރުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

74 އަހަރުގެ ހިލަރީ ކޮވިޑް ޖެހިގެން ފުރަތަމަ ކުރި ޓުވީޓުގެ ފޮލޯއަޕް ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގެ ކުރީގެ ރައީސް އަދި އެކަމަނާގެ ފިރިކަލުން ބިލް ކްލިންޓަން ކޮރޯނާ ވައިރަހަށް ނައްސި ކަމަށެވެ. ބިލް މިހާރު ހުންނެވީ އެކަހެރިވެ ވަޑައިގެން ރައްކާތެރި ތަނެއްގައި ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ހިލަރީ ކޮވިޑަށް ފައްސިވިކަން ހާމަކޮށްފައި މިވަނީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ޕަސާކީ ކޮވިޑަށް ފައްސިވިކަން ހާމަކުރިތާ އެއްދުވަސް ފަހުންނެވެ. ޖެން ޕަސާކީ ވިދާޅުވީ އޭނާގެ އަދި ފެންނަނީ ބަލީގެ ވަރަށް އާދައިގެ އަލާމާތްތައް ކަމަށެވެ.

އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ކޮވިޑް ހުރިތޯ ދެނެގަތުމަށް ސުންކެއް ނަގާފަ އެވެ. ބައިޑެންގެ ސުންކު ނައްސި ކަމަށް ޕަސާކީ ވަނީ ވިދާޅުވެފަ އެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޑޭޓާތަކުން ދައްކާ ގޮތުގައި އެމެރިކާއިން މިހާތަނަށް 80 މިލިއަނާ ގާތްކުރާ އަދަދަކަށް ކޮވިޑް-19 އަށް މީހުން ވަނީ ފައްސިވެފައެވެ. އަދި މި ބަލީގެ ޝިކާރައަކަށް މަރުވި މީހުންގެ އަދަދު ވަނީ 972،000 އަށް އަރައިފަ އެވެ.

ކޮވިޑް-19ގެ އާ ވައްތަރު، އޮމިކްރޮންގެ ސަބްވޭރިއަންޓް އެ ގައުމުގައި އަދިވެސް ފެތުރެމުންދާއިރު، އެމެރިކާގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވެދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދީފައެވެ.