ދެކުނު ކޮރެއާގެ ވައިގެ އަސްކަރިއްޔާގެ ދެ މަތިންދާ ބޯޓެއް ވައިގެ ތެރޭގައި އެކްސިޑެންޓްވެ، ހަތަރު ޕައިލެޓުން މަރުވެއްޖެއެވެ.

އަސްކަރީ އިދާރާތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކޭޓީ-1 ޓްރެއިނަރ ދެ ޖެޓް އެކްސިޑެންޓްވެ، ވެއްޓިފައިވަނީ ވެރިރަށް ސޯލްގެ ދެކުނުން ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ ސަޗޮން ސިޓީގެ ކައިރިއަށެވެ.

"ސަޗޮން އެއާ ބޭސްގައި ދެ ކޭޓީ-1 ޓްރެއިނަރ ޖެޓް ވައިގެ ތެރޭގައި އެކްސިޑެންޓްވީ ތަމްރީންތަކުގައި އުޅެނިކޮށް، ދެ ބޯޓުވެސް ވަނީ ވެއްޓިފައި،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި އެކްސިޑެންޓްގައި ހަތަރު ޕައިލެޓުންވެސް މަރުވެފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ވައިގެ އަސްކަރިއްޔާއިން ބުނީ، މި ހާދިސާގައި ލިބުނު ގެއްލުމުގެ ސީދާ ހާލަތު ބަލާނެ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ޔޮންހަޕް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި ސަރަހައްދަށް 30 އަށް ވުރެ ގިނަ ފަޔާފައިޓަރުންނާއި އިމަޖެންސީ ރެސްޕޮންޑާސް ވަނީ ފޮނުވާފައެވެ.