ޔަމަނުގައި ސުލްހައިގެ މަޝްވަރާތައް ފެށުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތައްޔާރުވެއްޖެއެވެ.

ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން ޔަމަނުގައި ހިންގާ އަސްކަރީ ހުރިހާ ބާވަތެއްގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ނިންމާފައިވާއިރު އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ހާންސް ގްރުޑްބަރގް އާ މަޝްވަރާތައް ފެށުމަށް ޔޫއޭއީ އިން ވަނީ މަރުހަބާ ކިޔާފައެވެ.

ޔޫއޭއީގެ ޚާރިޖީ ވުޒާރާ އާއި ބައިނަލްއަގްވާމީ އެއްބާރުލުމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ސުލްހައިގެ އެއްބަސްވުން ބަލައިގަތުމަށް ޔަމަނުގެ ސަރުކާރާއި، ކޯލިޝަނުން ޔަމަނުގައި އަމާންކަމާއި ރައްކާތެރިކަން އިއާދަކުރުމަށް ކުރި އިއުލާނަށް ވަނީ މަރުހަބާ ކިޔައިފައެވެ.

ޔަމަނާއި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް ހާއްސަ މަންދޫބު ކުރައްވަމުން ގެންދަވާ ހުރިހާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަންވެސް ޔޫއޭއީ އިން ވަނީ ހާމަކުރައްވައިފައެވެ.

ޔޫއޭއީއިން ވަނީ ޔަމަނަށް ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމުގައި ސައުދީން އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ.

މީގެ އިތުރުން، މި ސަރަޙައްދުގެ ރައްޔިތުންގެ މަސްލަހަތަށް ފުރިހަމައަށް އެއްބާރުލުންދީ، އެ ކަންކަން ހާސިލުކުރުމަށް އެ ޤައުމުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ޔަމަނުގެ ރައްޔިތުންނާއެކު ސާބިތުވެ، ތަރައްގީ އާއި ފާގަތިކަމަށް އެ ގާއުމުން ކުރާ އުންމީދުތަކަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޔޫއޭއީ އިން ވަނީ ދެއްވައިފައެވެ.

އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަދި ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެންޑް ސެކިއުރިޓީ ޕޮލިސީ ޖޯސެޕް ބޮރެލް ވެސް ވަނީ އދ އިން ބްރޯކަރޑް އިންސާނިއްޔަތުކަމާއި ސުލްހައިގެ އެއްބަސްވުމަށް މަރުހަބާ ކިޔައިފައެވެ.