ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އީރާނުގެ ސަފީރަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ލަންކާގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ނިއުސްވަޔާ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮލަމްބޯގެ ސްލޭވް އައިލޭންޑުގައި ސަފީރު، ޑރ. އަލީ ރިޒާ އަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.

އޭނާއާއި ބެހޭ އިތުރު ތަފްސީލެއް މީޑިއާތަކުން ހާމަކޮށްފައި ނުވާއިރު، އެ ހަމަލާ ދީފައިވަނީ ކޮލަމްބޯގެ ޝޮޕިންމޯލެއްގެ ކާރު ޕާކު ކުރާ ތަނެއްގައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިމައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު، އޭނާ ހައްޔަރު ކޮށްފައިވަނީ މާދަމާގެ ނިޔަލަށް ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އީރާން ސަފީރަށް ހަމަލާދިން މައްސަލައިގައި އޭނާ ހައްޔަރުކޮށް، މާދަމާ ދޫކޮށްލާނެ ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެހެން މީޑިއާތަކުން ބުނެފައިވަނީ އޭނާ ބަންދު ކުރާނެ ކަމަށެވެ.

އީރާން ސަފީރަށް ހަމަލާދިން މައްސަލަ އެގައުމުގެ ބައެއް އިސްވެރިން ކުށްވެރިކޮށްފައިވާއިރު، މިފަދަ ހަމަލާއެއް އޭނާއަށް އަމާޒުވެފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ލަންކާގައި އީރާނުގެ ސަފީރަށް ހަމަލާދީފައިވާއިރު، މިމަހުގެ ތެރޭގައި ސްލޮވޭކިއާގެ ބޮޑު ވަޒީރު، ފީކޯއަށް ވެސް މީހަކު ވަނީ ބަޑިން ހަމަލާދީ އަވަހާރަ ކޮށްލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ހަމަލާގައި އޭނާ އަވަހާރަވެފައި ނުވާއިރު، މިވަގުތު އޭނާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މިކަމުގެ ސަބަބުން އެގައުމުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ހަލަބޮލިވެފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު