އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ އިސްރާއީލުން ރޭ ޣައްޒާއަށް ބޮން އަޅައިފިއެވެ.

ފަލަސްތީންގެ ޚަބަރުތައް ގެނެސްދޭ އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ފަލަސްތީން ގަޑިން ރޭ މެންދަމު އިސްރާއީލްގެ ބޮން އަޅާ ޖެޓްތަކުން ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ އަވަށެއް ކަމަށްވާ ހާން ޔޫނިސް އަށް ބޮން އަޅާފައެވެ.

އިސްރާއީލުން ރޭ ޣައްޒާ އަށް ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ބޮޑެތި އަލިފާންގަނޑުތަކެއް ރޯވެފައި ހުރި މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ފަލަސްތީންގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން ރޭ ޣައްޒާ އަށް ހަމަލާ ދިން ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް ރޭ ހަމަލާ ދިނީ އިސްރާއީލުން މިހާރު އަޤުޞާ މިސްކިތުގައި ހިންގަމުންދާ ޖަރީމާތަކުގެ ބަދަލު ހިފަން ޣައްޒާ އިން އިސްރާއީލަށް ހަމަލާއެއް ދިނުމުގެ ބިރު އޮތުމުންނެވެ.

އިސްރާއީލްގެ ހަމަލާތަކާއި ގުޅިގެން ހަމާސް ޖަމާއަތުން ރޭ ވަނީ އިސްރާއީލަށް ހަތަރު ރޮކެޓެއް ފޮނުވާލާފައެވެ. އެއިން ރޮކެޓެއްގެ ސަބަބުން އިސްރާއީލަށް ގެއްލުމެއް ލިބުނު ކަމަކަށް އިސްރާއީލުން އަދި ހާމަކޮށްފައެއް ނުވެއެވެ. ރޭ ހަމާސް އިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކަކީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ހަމާސް އިން އިސްރާއީލަށް ދިން ފުރަތަމަ ރޮކެޓް ހަމަލާއެވެ.

އިސްރާއީލާއި ހަމާސް އާއި ދެމެދު ރޭ ބަދަލު ކުރެވުނު ހަމަލާތަކުގެ ސަބަބުން ނުތަނަވަސް ކަން އިތުރުވެ، ހަނގުރާމައެއްގެ ބިރު ބޮޑުވުމުން މިހާރު މިސްރުން ވަނީ މަސްރަހު ފިނި ކުރުމަށް ހާމާސް އާއި އަދި އިސްރާއީލާއި ވެސް ވާހަކަ ދައްކާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އާއްމުކޮށް ކޮންމެ ރަމަޟާން މަހަކު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެއެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް 11 ދުވަސް ވަންދެން އިސްރާއީލުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ހަމަލާތައް ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕަޕެޓް

    މިސްރުގެ ސީސީ އަކީ އެމަރިކާ އިޒްރޭލް ހުޅަނގުގެ ތާއިދާއެކު ހޮވި ނުލަފާޖައްބާރެއް.
    ކުރީގެ ބަތަލް ރައީސް މުރުސީ ޖަލައްލާ އަވަހާރަކޮށްލީ އިޒްރޭލާއި އެމަރިކާ އަޑީގައިއޮވެގެން...ސީސީ މިކިޔަނީ އިޒްރޭލުން ހަމަލަދިނަސް ހަމާސްއިން ރައްދުނުދިނުމަށް ކިހާ
    ސަޅި..

  2. ބިރުވެރި ހުވަފެން

    ކޮންއިރަކުން ބިރުވެރި ހުވަފެންދައްކަނީ؟

    5
    1