އަލްޖަޒީރާގެ ފަރާތުން ފަލަސްތީންގެ ޚަބަރުތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވަމުން އައި ތަޖުރިބާކާރު ނޫސްވެރިޔާ ޝިރީން އަބޫ އަގްލާގެ މަރާއި ގުޅިގެން އިސްރާއީލަށް ފާޑުކިޔުންތައް އަމާޒުވުމުން އިސްރާއީލުން ބޮޑު ދޮގެއް ހަދައިފިއެވެ.

ފާޑުކިޔުންތަކުން ސަލާމަތްވުމަށް އިސްރާއީލުން މިއަދު ބުނީ ޝިރީން މަރުވީ ފަލަސްތީންގެ މުޖާހިދުން ދިން ހަމަލާއެއްގައި ކަމަށެވެ.

އިސްރާއީލުން އެހެން ބުނި ނަމަވެސް ޝިރީން ކައިރީ ތިބި އެހެން ނޫސްވެރިން ބުނާ ގޮތުގައި ޝިރީން މަރުވެފައި ވަނީ އޭނާ އަޅާފައި ހުރި ހެލްމެޓްގެ ތިރިން ކަންފަތް ކައިރިއަށް އަމާޒުކޮށް އިސްރާއީލް ސިފައިންގެ ސްނައިޕަރަކު ބަޑި ޖެހުމުންނެވެ. އެއީ ސީދާ ޝިރީން މަރާލަން ގަސްދުގައި ދިން ހަމަލާއެއް ކަމަށް އޭނާގެ ކައިރީ ތިބި މީހުންނާއި ހަވާލާދީ އަލްޖަޒީރާ އިން ވެސް ބުނެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވެސް ވަނީ ނޫސްވެރިޔާގެ މަރާއި ގުޅިގެން އިސްރާއީލަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކުން ސަލާމަތްވާން މަސައްކަތް ކޮށްފައެވެ. އޭނާ ވަނީ ހާދިސާ ހިނގި ސަރަހައްދުގައި ފަލަސްތީންގެ މުޖާހިދުން ވެސް ހަރަކާތްތެރިވަމުން ދިޔަކަން ސާބިތު ކޮށްދޭން ވީޑިއޯއެއް އާއްމުކޮށްފައެވެ.

އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ވެސް ބުނީ ޝިރީންއަށް ހަމަލާ ދިނީ އިސްރާއީލްގެ ސިފައިން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ޝިރީން މަރާލުމަށްފަހު ޒިންމާއިން ރެކެން އިސްރާއީލް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އިސްރާއީލްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕެއް ކަމަށްވާ "ބީޓެލެމް" އިން ހާދިސާގެ ވީޑިއޯތައް ދިރާސާ ކުރުމަށް ފަހު ބުނެފައި ވަނީ އެއީ އިސްރާއީލް ސިފައިން ދިން ހަމަލާއެއްކަން ކަށަވަރު ކުރެވޭ ކަމަށެވެ.

އެގްރޫޕުން ބުނާ ގޮތުގައި ހަމަލާ ދިން ސަރަހައްދުގައި ޝިރީން އަށް ހަމަލާ ދެވޭ ގޮތައް ތިބީ ވެސް އިސްރާއީލް ސިފައިންނެވެ. ފަލަސްތީންގެ މުޖާހިދުން ތިބީ ޝިރީން އަށް އެގޮތައް ހަމަލާ ދެވޭވަރަށް ވުރެ ދުރުގައި ކަމަށް "ބީޓެލެމް" އިން ބުނެއެވެ.

އީޔޫ އާއި އދ.އިން ވަނީ ޝިރީންގެ މަރާއި ގުޅިގެން މިނިވަން ތަހްގީގެއް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. އެތަހްގީގުގައި ބައިވެރިވާން މިހާރު އިސްރާއީލުން ވަނީ ހުށަހަޅާފައެވެ. ނަމަވެސް އދ.އަށް ފަލަސްތީނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ތަހްގީގުގައި އިސްރާއީލް ބައިވެރިކުރަން ދެކޮޅު ހައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހުމަދު

    ޙަމަ ތެދަކައް ވެސް ވެދާނެ އެއްނު

    2
    18
  2. މޫސަ

    އެ ޔަހޫދީން ނުބުނާނެ ތެދެއް ޔަހޫދީންނަކީ އަބަދުވެސް ދޮގު ހަދައިގެން އުޅޭބައެއް