ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް ރަނިލް ވިކްރަމަސިންހަ އައްޔަން ކުރައްވައިފިއެވެ.

މިއީ ލަންކާގެ ބޮޑުވަޒީރު ކަމަށް ރަނިލް އައްޔަން ކުރެއްވި ހަ ވަނަ ފަހަރެވެ.

ރަނިލް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އެވެ.

ލަންކާގެ ގާނުނު ހަދާ މަޖިލީހުގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ މެންބަރެއްގެ ގޮތުގައި އިންނަވާ ރަނިލް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ ކުރިފުޅުމަތީގައެވެ.

ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މަޖިލީސް މެމްބަރުންގެ ތާއީދާއެކު، ރަނިލް ބޮޑުވަޒީރުކަމުގެ މަގާމު ގަބޫލުކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލަންކާގައި އެންމެ ގިނަ އަދަދަކަށް ބޮޑުވަޒީރުކުރަން ކުރެއްވި ބޭފުޅަކީވެސް ރަނިލް ކަމެވެ. އޭގެ އިތުރުން 1994 އިން 2001 އަށް އަދި 2004 އިން 2015 އަށް ރަނިލް ވަނީ އިދިކޮޅު ލީޑަރުކަން ކުރައްވާފައެވެ.

އެންމެ ފުރަތަމަ ރަނިލް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައި ވަނީ 1993 އިން 1994 އަށެވެ. އޭގެ ފަހުން 2001 އިން 2004 އަށްވެސް ބޮޑުވަޒީރުކުރަން ކުރައްވާފައިވާއިރު، ރަނިލް ތިން ވަނަ ފަހަރަށް ބޮޑުވަޒީރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރު، އެންމެ 100 ދުވަހަށެވެ. އޭގެ ފަހުން 2018 އިން 2019 އަށްވެސް ރަނިލް ބޮޑުވަޒީރުކުރަން ކުރައްވިއެވެ.