އިންޑިއާއިން ވީޓް އެކްސްޕޯޓް ކުރުން މަނާކުރިތާ ދުވަސްތަކެއް ފަހުން، ބައިނަލްއަގުވާމީ ބާޒާރުތަކަށް ހަކުރު އެކްސްޕޯޓްކުރާ މިންވަރު ލިމިޓް ކުރަން ނިންމައިފިއެވެ.

މިއަދު އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، އަގުތައް ހިފެހެއްޓުމަށްޓަކައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މާކެޓިން ސީޒަނަށް ހަކުރު އެކްސްޕޯޓް ކުރާ މިންވަރު 10 މިލިއަން ޓަނަށް ލިމިޓް ކުރާނެ ކަމަށެވެ.

އަދި ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ބާވަތެއްގެ ހަކުރު އެކްސްޕޯޓްކުރާނަމަ، ހަކުރު އެކްސްޕޯޓް ކުރުމަށް ކަމާބެހޭ އިދާރާތަކުން "ވަކި ހުއްދައެއް" ހޯދުމަށް ވެސް ހަކުރު އެކްސްޕޯޓްކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ވަނީ އަންގާފައެވެ.

އިންޑިއާއަކީ ދުނިޔޭގައި ހަކުރު އެންމެ ގިނައިން އުފައްދާ އަދި ބްރެޒިލްގެ ފަހަތުގައި ދެވަނައަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓްކުރާ ގައުމެވެ. މިހާތަނަށް ނުވަ މިލިއަން ޓަނުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، 7.8 މިލިއަން ޓަނުގެ ހަކުރު އިންޑިއާއިން އެކްސްޕޯޓް ކޮށްފައިވެއެވެ.

"މިގޮތަށް ނިންމީ އިންޑިއާގެ އެތެރޭގައި ހަކުރުގެ ސަޕްލައި ހުންނާނެކަން ޔަގީންކޮށް އަގު އެއްވަރެއްގައި ހިފެހެއްޓުމަށް،" ކާބޯތަކެއްޗާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

އިންޑިއާގެ އިތުރުން، އޭޝިއާގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ އެތެރޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިންޑޮނީޝިއާއިން ޕާމް އޮއިލް އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަނާ ކުރިއިރު، މެލޭޝިއާއިން ވަނީ ކުކުޅު އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ.

ކާބޯތަކެއްޗާ ގުޅިގެން މިފަދަ ފިޔަވަޅުތަކެއް ގައުމުތަކުން އަޅަން ފެށީ ރަޝިއާގެ ސިފައިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަން ފެށުމުގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫ އަރައި، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ހީވުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު