ޕާކިސްތާނުގައި އިއްޔެ ކުރިއަށް ގެންދިޔަ އާއްމު އިންތިޙާބުގެ ވޯޓު ގުނުމުގެ މަސައްކަތް އަދިވެސް ކުރަމުން އެބަދެއެވެ. މިހާރު ގުނާފައިވާ ވޯޓުގެ ނަތީޖާ ދައްކާގޮތުން، އަދިވެސް ކުރީގައި އުޅެނީ އެޤައުމުގެ އިދިކޮޅު ޕާޓީ ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) އެވެ. ޕީޓީއައި އަކީ، އެޤައުމުގެ ކުރީގެ މަޝްހޫރު ކުރިކެޓު ކުޅުންތެރިޔާ، އިމްރާން ޚާނުގެ ޕާޓީއެވެ.

ޕާކިސްތާނުގެ ޖިއޯ ޓީވީން ހާމަކޮށްފައިވާ ވަގުތީ ނަތީޖާ ބުނާގޮތުން، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ 272 ގޮނޑީގެ ތެރެއިން، 118 ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ ޕީޓީއައި އިންނެވެ. އަދި، ނަވާޒުގެ ޕާޓީން 60 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ޕީޕަލްސް ޕާޓީން 35 ގޮނޑިއެއް ނަގާފައިވެއެވެ. އަދި، އެހެން ޕާޓީތަކުން 17 ގޮނޑިއެއް ނަގާފައިވެއެވެ. މި އަދަދުތަކަކީ، ރޭ އެ ޓީވީން ހާމަކޮށްފައިވާ އަދަދުތަކާ އަޅާ ބަލާއިރު ތަފާތު އަދަދުތަކެއްކަން ފާހަގަކޮށްލެވެއެވެ.

ވޯޓުލުން ކުރިއަށް ގެންދިޔަ މަރުކަޒުތަކުން ލިބޭ ނަތީޖާތައް، އެޤައުމުގެ ޓީވީތައް މެދުވެރިކޮށް ދެއްކުންވެސް، އެޤައުމުގެ ބްރޯޑްކާސްޓިންގ އާ ބެހޭ އިދާރާ، ޕެމްރާ އިން ވަނީ މަނާކޮށްފައެވެ. އަދި، ނަތީޖާ ދެއްކުމަކީ ކޯޑް އޮފް ކޮންޑަކްޓް އާ ޚިލާފުކަމެއް ކަމަށް ބުނެ، ބައެއް ޓީވީތަކަށް ވަނީ ނޯޓިސްވެސް ދީފައެވެ.

އިއްޔެ ޕާކިސްތާނުގައި ވޯޓުލުން ކުރިއަށް ދަނީ

އެޤައުމުގައި އިއްޔެ ނެގި ވޯޓުގެ ނަތީޖާ ގުނުމުގައި ލަސްތަކެއް ކުރިމަތިވެފައިވާއިރު، ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންދިޔަ އިރު، އެތަންތަނުން، ބައެއް ޕާޓީތަކުގެ މަންދޫބުން ވަނީ ބޭރުކޮށްފައެވެ. އެގޮތުން، ޖަލުގައި ހުންނެވި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒް ޝަރީފާއި، ބޭނަޒިރު ބުއްޓޫގެ އާއިލާއަށް ނިސްބަތްވާ ޕާޓީ އަދި ޕީޕަލްސް ޕާޓީގެ މަންދޫބުން، މަރުކަޒުތަކުން ބޭރުކޮށްފައިވެއެވެ.

ވޯޓު ގުނުމުގައި ލަސްތަކެއް ކުރިމަތިވެގެން ދިޔައިރު، އެކަމާ ގުޅިގެން އެޤައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އެއީ ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމުގައެވެ. އަދި، އެކަމުގެ ސަބަބުން އިންތިޙާބުގެ މިނިވަންކަމާއި، އިންސާފުވެރިކަމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ބުނެފައިވެއެވެ. އަދި، މިއަދު ހަވީރުގެ ވަގުތުގައި، ރަސްމީ ނަތީޖާ އިޢުލާން ކުރެވޭވަރު ވާނެކަމަށް، އެ ކޮމިޝަނުން ބުނެފައިވެއެވެ.

އިންތިޙާބީ މަރުކަޒުތަކުން ޕާޓީތަކުގެ މަންދޫބުން ބޭރުކުރުމާއި ވޯޓު ގުނުމުގެ މަސައްކަތުގައި ލަސްތަކެއް ކުރިމަތިވަމުން ދިއުމުގެ ސަބަބުން، ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ވަނީ އިންތިޙާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން، އެމެރިކާ އިން މިކަމާމެދު ސުވާލު އުފައްދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު