ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޙާން އެ ގައުމުގެ އާންމު އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިހާބު އިމްރާން ކާމިޔާބު ކާމިޔާބު ކުރައްވާފައިވާއިރު އޭނާގެ ޕާޓީއިން ގާނޫނު ހަދާ މަޖިލީހުގެ 270 ގޮނޑީގެ ތެރެއިން 119 ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ޕާކިސްތާނުގެ މީޑިޔާތުން ވަނީ ލަފާ ކޮށްފައެވެ.

އިންތިހާބު ކާމިޔާބު ކުރި ނަމަވެސް އިމްރާންގެ ޕާޓީއަށް މެޖޯރިޓީ ލިބޭނެތޯ ނުވަތަ ކޯލިޝަނެއް ހަދަން ޖެހޭނެކަން އަދި މުޅިން ސާފު ވެފައެއް ނުވެއެވެ.

މި އިންތިހާބުގެ ދެބައި ކުޅަ އެއްބައި ވޯޓުތައް ނުގުނެނީސް އިމްރާންގެ އިދިކޮޅު ފަރާތްތައް ކަމަށްވާ ޕާކިސްތާން މުސްލިމްް ލީގު "ނަވާޒް" އިން ވަނީ އިންތިހާބު ގަބޫލު ނުކުރައްވާނެ ކަމަށް ބުނެފައެވެ. މީގެ ސަބަބުން "ނަވާޒް" އިން ވެރިކަން ހަވާލުކުރުމުގައި ހުރަސްއަޅާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ވޯޓު ލުމުގައި އެތައް މައްސަލަތަކެއް ފެންމަތިވެފައިވާއިރު ބައެއް ސަރަހައްދުތަކުގައި އަންހެނުންނަށް ވޯޓު ލުމަށް ހުރަސްއަޅާފައިވާ ކަމުގެ ޝަކުވާތައްވެސް ވަނީ އެގައުމުގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައެވެ. މީގެއިތުރުންވެސް ވޯޓުލުން ކުރިޔަށް ދަނިކޮށް ޕާކިސްތާނުގެ ބަލޯޗިސްތާނުގެ ވެރިރަށް ކުއެތާގައި ހަނގުރާމަވެރި ޖަމާއަތަކުން ވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ދީ 31 އާންމުން މަރާލާފައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި އިމްރާން ޙާން އަކީ ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިއެކެވެ. އޭނާ ވަނީ ޕާކިސްތާނުގެ އެތައް ޒުވާނުންނެއްގެ ތާއީދު ހޯއްދަވާފައެވެ. އ.ދ ގެ ރިކޯޑުތަކުން ދައްކާ ގޮތުގައި ޕާކިސްތާނުގެ %65 އާންމުންނަކީ ޒުވާނުންނެވެ.

މިރޭގެ ވަގުތެއްގައި ޕާކިސްތާނުގެ އާ ސަރުކާރު އިއުލާން ކުރާނެ ކަމަށް އެ ގައުމުގެ އިލެކްޓޯރަލް އިދާރާތަކުން މައުލޫމާތު ދެއެވެ.