އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ގައި އެއްބަޑު އެއްބަފާ ކުޑަ ތިން އަންހެން ކުއްޖަކު ކާނެ އެއްޗެށް ނުލިބި ބަނޑަށް މަރުވުމުން މުޅި އިންޑިއާ އަށް ސިހުން ގެނުވައިފިއެވެ.

ދިއްލީ އަށް ނިސްބަތް ވާ އުމުރުން އަށް އަހަރުގެ މަންސީ އާއި ހަތަރުގެ ޝިކާ އަދި ދެ އަހަރުގެ ޕަރޫލް މަރުވެފައި ވަނީ ކާނެ އެއްޗެއް ނުލިބިގެން ބަނޑަށް ކަމަށް އެކުދިންގެ އޮޓޮޕްސީ ރިޕޯޓުން މިހާރު ވަނީ ޔަގީން ކުރެވިފައެވެ.

ދިއްލީގެ ލާލް ބަހާދުރު ޝާސްތުރީ ހޮސްޕިޓަލްގެ މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ. އަމީތާ ސަޒެނާ ވިދާޅުވީ އެ ކުދިން މަރުވެފައި ވަނީ ކާނެ އެއްޗެއް ނުލިބި ބަނޑަށް ކަމަށް ހެދުނު އިތުރު ތަހުލީލުތަކުން ވެސް ހާމަވާ ކަމަށެވެ.

" ފޮރެންސިކް ޓެސްޓްތަކުން ދައްކާ ގޮތުގައި އެއިން އެއްވެސް ކުއްޖެއްގެ ގައިގައި ފެޓުގެ އެއްވެސް މިންވަރެއް ނެތް, ވޭތުވެދިޔަ އަށެއް ނުވަތަ ނުވަ ދުވަހު ތެރޭ އެ ކުދިން ނެތް އެކައްޗެއް ވެސް ކައިފައި." ޑރ. އަމީތާ ވިދާޅުވި އެވެ.

މިހާދިސާ އިންޑިއާގެ ދިއްލީގެ ފުލުހުން ތަހުގީގު ކުރަމުން ދާއިރު ފުލުހުން ބުނީ ތިން ކުދިންގެ ބައްޕަވީ ތަނެއް ނޭނގޭ ކަމަށާއި އެ ކުދިންގެ މަންމަ އަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށެވެ.

އިންޑިއާ އިގްތިސޯދީ ގޮތުން ކިތަންމެ ކުރިއަރަމުން ދިޔަ ޔަސް އިންޑިއާގެ ފަގީރު ކަން ވެސް ދަނީ ދުވަހެއް ދުވަހަކަށް މަތި ވަމުންނެވެ. އިންޑިއާގެ ރަށްފުށުގައި ދަނޑުވެރިކަންކުރާ ބައެއް އާއިލާތަކަކީ ދަނޑުތަކަށް ބޭނުންވާ ފެން ނުލިބި ގިނަދުވަސްވާނަމަ އެކަމާ ދެރަވެ މާޔޫސްވެގެން ވަރަށް ގިނައިން އަމިިއްލައަށް މަރުވާފަހަރުވެސް އާދެއެވެ.

އައިއެމްއެފް އިން ލަފާކުރާގޮތުގައި 2019 ވަނަ އަހަރު އިންޑިއާގެ މުޅި އިގްތިސޯދު ޖަޕާނާއި ޖާމަނީގެ އިގްތިސޯދަށް ވުރެ ބޮޑުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު