ސްރީލަންކާގެ ރިޔާސީ ގަނޑުވަރާއި، ސަރުކާރުގެ އިމާރާތްތައް ދޫކޮށް ނިކުންނަން މުޒާހަރާގެ ބައިވެރިން އެއްބަސްވެއްޖެއެވެ.

ސްރީލަންކާގެ ރައީސް ދިރިއުޅުއްވާ ގަނޑުވަރާއި، އެގަނޑުވަރުގެ ބައެއްގެ ގޮތުގައި ހުންނަ ރައީސްގެ އޮފީސް އިމާރާތާއި ބޮޑުވަޒީރު ދިރިއުޅުއްވާ ގަނޑުވަރު މިމަހުގެ 09 ވަނަ ދުވަހުން ފެށިގެން ވަނީ ސްރީލަންކާ ރައްޔިތުންގެ ބާރުގެ ދަށުގައެވެ. އަދި އިއްޔެ ވަނީ ބޮޑުވަޒީރުގެ އޮފީސް ވެސް މުޒާހަރާ ކުރާ ރައްޔިތުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ފާއިތުވި ދުވަސްތަކުގައި މުޒާހަރާ ކުރާ މީހުން ކައިބޮއެ، ނިދައި ހަދަނީ ވެސް ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގަނޑުވަރުގައެވެ.

ނަމަވެސް މިއަދު ހެނދުނު މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ ހުރިހާ އިމާރާތްތަކެއް ދޫކޮށް އެތަންތަނުން ނިކުންނަން ނިންމާފައެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އެގޮތައް ނިންމީ ގައުމުގައި ސުލްހަ ގާއިމު ކުރުމަށްޓަކައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިން ސަރުކާރުގެ އިމާރާތްތަކުން ނިކުންނަން ނިންމީ ރައީސް ގޮތަބަޔާ މަގާމުން ދުރުކުރަން ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ދެއްވުމުންނެވެ.

ގޮތަބަޔާ އިއްޔެ ސްރީލަންކާގެ ރައީސް ކަމުން އިސްތިއުފާ ދޭނެކަން ކުރިން އޮތީ އިއުލާން ކޮށްފައެވެ. ނަމަވެސް އިއްޔެ ރޭ ކުއްލިގޮތަކަށް ރާއްޖެ ވަޑައިގަތުމަށްފަހު އަދިވެސް ގޮތަބަޔާ އިސްތިއުފާއެއް ނުދެއެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު ރާއްޖެ އިން ސިންގަޕޫރަށް ވަޑައިގަތުމަށްފަހު ގޮތަބަޔާ މަގާމުން އިސްތިއުފާ ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބިރުގަތީ

    ގަނޑުވަރާއި އިމާރާތްތައް ދޫކޮށްލާފައި ނުކުންނަން އެއްބަސްވީ މާލޭގައި އެވެރިން ކުރި މުޒާހަރާގައި މީހަކު ހައްޔަރުކުރުމާގުޅިގެން. ގަންނާކުރެއްވި ބިރުން!!!

    1
    2
  2. ބަކުރު

    ބިރުގަތީ ކަލޭ ކަލޭބިރުންތިޅެނީ.