ހޫނު ގަދަވުމުގެ ސަބަބުން އިނގިރޭސި ވިލާތުގައި ކުއްލި ހާލަތު އިއުލާނު ކޮށްފިއެވެ.

އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު، އެއިދާރާއިން ވަނީ އަންނަ ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު އެގައުމުގެ ބައެއް ހިސާބުތަކަށް އަދަޔާ ހިލާފަށް ހޫނު ވާނެ ކަމަށް ބަލައި "އެކްސްޓްރީމް ހީޓް" އިންޒާރު ވެސް ނެރެފައެވެ.

"ރެކޯޑް މިންވަރަކަށް ފިނިހޫނުމިން މައްޗަށް ދާނެ ކަމަށް ބެލެވޭ ހޯމަ ދުވަހު. އަނެއްކާ ވެސް އަންގާރަ ދުވަހު ހޫނުމިން މައްޗަށް ދާނެ،" މޫސުމާއި ބެހޭ އިދާރާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ، އެގައުމުގެ ބައެއް ހިސާބުތަކަށް ރޭގަނޑު ވަގުތު ވެސް ވަރަށް ހޫނު ވާނެ ކަމަށާއި މިކަމުގެ ސަބަބުން މީހުންނާއި ތަންތަނަށް ވެސް އަސަރު ކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް އެންމެ ހޫނު ގަދަ ދުވަހަކަށް ރެކޯޑް ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު ރިކޯޑް ކުރެވިފައިވާ ފިނިހޫނުމިނަކީ 38.7 ސެލްސިއަސްއެވެ.

އެގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު، މި ހަފްތާގެ ކުރީ ކޮޅު އެގައުމުގެ ހެލްތް މިނިސްޓްރީ އާއި މޫސުމާ ބެހޭ އިދާރާއިން ވަނީ ލެވެލް ތިނެއްގެ ހީޓް އިންޒާރެއް ވެސް ބައެއް ހިސާބުތަކަށް އިއުލާނު ކޮށްފައެވެ. އަދި ވަނީ ސިއްހީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް ވަނީ އަންގާފައެވެ.