މެކްސިކޯގެ "ޑްރަގް ލޯޑް" ހައްޔަރު ކުރަން ހަރަކާތްތެރިވި އަސްކަރީ ހެލިކަޕްޓަރެއް ވެއްޓިއްޖެއެވެ.

މީޑިއާ ރިޕޯތްތަކުން ބުނާ ގޮތުގައި މެކްސިކޯގެ ޑްރަގް ލޯޑް ރަފައެލް ކަރޯ ކުއިންޓެރޯ ހައްޔަރު ކުރުމަށް އެގައުމުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަރަކާތްތެރި ހެލިކަޕްޓަރު ވެއްޓިފައިވަނީ އެގައުމުގެ އެއާޕޯޓެއް ކަމަށްވާ ލޮސް މޮޗިސްގެ އެއާޕޯޓް ކައިރިއަށެވެ.

މި ހާދިސާ ހިނގިއިރު އޭގައި 15 މީހަކު ތިއްބެއެވެ. އެތަނުން 14 މީހަކު މަރުވެފައިވާއިރު، އެކަކަށް ފަރުވާ ދެމުން އަންނަ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އެނގިފައިވާ މައުލޫމާތަށް ބަލާއިރު، ހެލިކަޕްޓަރު ވެއްޓިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް ސީދާ ވެއްޓުނު ސަބަބު މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅިގެން އެގައުމުގެ ރައީސް އަންޑްރެސް މަނުއެލް ލޮޕޭޒް ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ކަރޯ ހައްޔަރު ކޮށްފައިވަނީ 1985 ވަނަ އަހަރު އެމެރިކާގެ އެންޓި ނާކޮޓިކްސް އޭޖެންޓަކަށް ކުދި އަނިޔާކޮށް މަރާލި މައްސަލައިގައި ކަމަށެވެ. މި މައްސަލައިގައި މީގެ ކުރިން ވެސް ކަރޯ ވަނީ ހައްޔަރު ކޮށްފައެވެ. އޭރު އޭނާ ވަނީ 28 އަހަރު ޖަލުގައި ހޭދަކޮށްފައެވެ. އޭގެ ފަހުން މެކްސިކޯގެ ފަނޑިޔާރަކު ވަނީ 2013 ވަނަ އަހަރު އޭނާ ބަންދުން ދޫކޮށްލާފައެވެ.

2013 ވަނަ އަހަރު ބަންދުން ދޫކުރުމާއި އެކީ ދެގައުމުގެ ސިފައިންނަށް ވެސް ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރު ކޮށްފައިވަނީ މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މައި އެއް ސްޓޭޓް ކަމަށްވާ ސިނަލޯއާގެ ހުޅަނގު އުތުރުގެ ސްޓޭޓެއް ކަމަށްވާ ޗޮއިކްސްގެ މުނިސިޕަލްޓީން މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.