ސްރީލަންކާގެ ހީނަރުވެފައިވާ އިގްތިސާދު ރަނގަޅު ކުރުމަށް އިންޑިއާ އިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް އިންޑިއާ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގޯޕާލް ބާގްލޭ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސަފީރު އެގޮތަށް ވިދާޅުވެފައި ވަނީ ސްރީލަންކާގެ އާ ރައީސް ހޮވުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން، ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދަނާއާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"ސްރީލަންކާގައި ޑިމޮކްރަސީއާއި، ހަމަޖެހުމާއި، އިގުތިސާދު ރަނގަޅުކުރުމަށް އިންޑިއާއިން އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެ" ސަފީރު ވިދާޅުވިއެވެ.

ހުކުރު ދުވަހު ސްރީލަންކާގެ މައި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއްލާން ކުރައްވާފައެވެ.

"އަޅުގަނޑު ރައީސް ކަމަށް ވާދަ ކުރާނަން. 225 މެމްބަރުން ހިފަހައްޓާފައި ވަނީ ގޮތަބަޔަ ރާޖަޕަކްސަ ކޯލިޝަނަށް އަޣުލަބިއްޔަތު ދީގެން. އެއީ އުނދަގޫ އިންތިހާބެއް ކަމުގައި ވިޔަސް، އަޅުގަނޑަށް ޔަގީންވާ ގޮތުގައި ތެދުވެރިކަން ގަދަވާނެ." ސަޖިތު ޕްރޭމަދާސަ ޓުވިޓާގައި ލިޔުއްވާފައި ވެއެވެ.

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައި ވާތީ، ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، އަންނަ ހަފްތާގައި ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ، އާ ރައީސަކު ހޮވުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ސުޕްރީމް ކޯޓުން ވަނީ، ޖުލައި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކޯޓުގެ ހުއްދަ ނެތި، ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި، ކުރީގެ ފިނޭންސް މިނިސްޓަރ ބާސިލް ރާޖަޕަކްސަ ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ވަގުތީ އަމުރެއް ނެރެފައެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ވަގުތީ ރައީސްކަމުގެ ހުވާ ކުރެއްވީ، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަބޭވަރުދަނަ، ގޮތަބަޔަ ރާޖަޕަކްސަގެ އިސްތިއުފާ ގަބޫލުކުރައްވާފައި ވަނިކޮށެވެ.

ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ، ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހުއެވެ.

ރާއްޖެއިން ފުރައިގެން ސައުދީ މަތިންދާބޯޓެއްގައި ރާޖަޕަކްސާ ސިންގަޕޫރަށް ވަޑައިގަތީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަހުރަބު

    ލަންކާ ބަނގުރުޓް ކޮށްލީ މަކަރުވެރި އިންޑިއާ ހީލަތްތެރި ހިޔަޅު އިންޑިއާ ދެން އޮތީ މި ރާއްޖެ

    11
    1
  2. Anonymous

    ވަރަށް ނުލަފާ މުނާފިޤުކަން ބޮޑުމީހެއް މޯދީއަކި. ލަންކާ ޚަރާބު ކޮއްލީ އިންޑިއާއިން ދެންވެސް ހޭއަރާނި ކޮންއިރަކުންތޯ؟

    8
    1
  3. ކަކުނިބޯ

    އިންޑިޔާއިން ލަންކާކޮޅަށްނަގާ ހިންދެމިލަދޭނެއެވެ. ޢެކަމުގެ ފުރިހަމަ ހެއްކަކީ ރަޝިޔާއިން ތެޔޮ ހޯދަންއުޅުމުން އިންޑިޔާއިން ތެޔޮދިނުން ހިއްޓާލާނެކަމަށް ބިރުދެއްކުމެވެ. ޢަދި ދޭތެޔޮކޮޅެއްދެނީ ރައްޔިތުންނަށް ކިރިޔާބޭނުން ކޮށްލެވޭ މިނވަރަށް ވުރެވެސް ކުޑަކޮށް. ލަންކާ އެއަރޕޯޓުން ތެޔޮނޭޅޭތީވެ އާއި ލަންކާޕޯޓްއިން ބަންކަރިންގ ހިދުމަތް ނުދެވޭތީ އިންޑިޔާގެޕޯޓްތަކަށް ދުވާލަކު އެތަށް މިލިޔަންޑޮލަރެއްގެ ގެއްލުންވާތީވެ އިންޑިޔާގެވެރިން 32ދަތް ދައްކަގެން ލޮލުން ކަރުނަ ނުހިކެއެވެ.