ސްރީލަންކާގެ ރައީސް ކަމަށް ވާދަނުކުރަން ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދޭސަ ނިންމައިފިއެވެ.

ސަޖިތު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ކަމަށް ވާދަނުކުރަން އޭނާ ނިންމަވާފައިވާ ކަމަށެވެ. އޭނާ މިހާރު ނިންމާފައި ވަނީ ގޮތަބަޔާ ރާޖަޕަކްސަގެ ޕާޓީ ކަމަށްވާ އެސްއެލްޕީޕީގެ މެންބަރު ޑުލަސް އަލަހަޕޭރުމާއަށް ތާއިދު ކުރާށެވެ.

ޑުލަސް ރައީސް ކަމަށް ވާދަކުރައްވަނީ އެސްއެލްޕީގައި ތިއްބެވި ރާޖަޕަކްސަ އާއިލާ އާއި ދެކޮޅު މެންބަރުންގެ ތާއީދާއިއެކުއެވެ. ރާޖަޕަކްސަ އާއިލާއަށް ތާއިދުކުރާ ފަރާތްތަކުގެ ފަރާތުން ރައީސް ކަމަށް ވާދަކުރައްވަނީ މިހާރު ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އެވެ.

ސަޖިތު ވިދާޅުވީ ރައީސް ކަމަށް ކުރިމަތިނުލާން ނިންމީ ގައުމުދެކެ ލޯބި ވާތީއެވެ. އޭނާ ރައީސް ކަމަށް ކުރިމަތިނުލުން އެއީ ގައުމަށާއި އަދި ރައްޔިތުންނަށް މިވަގުތު އެންމެ ފައިދާހުރި ގޮތް ކަމަށް ސަޖިތު ވިދާޅުވިއެވެ. "އަޅުގަނޑުގެ ޕާޓީ އާއި އަދި އިދިކޮޅު ކޯލިޝަން ގުޅިގެން ބުރަކޮށް މަސައްކަތް ކުރާނީ ޑުލަސް އަށް ކާމިޔާބު ހޯދައިދޭން." ސަޖިތު ވިދާޅުވިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުން އިއުލާން ކުރާނެއެވެ. ރައީސަކު އިންތިޚާބު ކުރާނީ މިއަދު ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމަށްފަހު މާދަމާ ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައެވެ.

ރައީސް ކަމަށް ކުރިމަތިނުލާން ނިންމި ސަޖިތު ސްރީލަންކާގެ ބޮޑުވަޒީރު ކަމާއި ހަވާލުވާން މިދިޔަ މަހު ގޮތަބަޔާ ހުށަހެޅިއެވެ. ނަމަވެސް އޭރު ސަޖިތު ވަނީ ގޮތަބަޔާ ރައީސް ކަމުގައި ހުރިހައި ހިނދަކު ބޮޑުވަޒީރުގެ މަގާމު ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ.

ސަޖިތު ވަނީ ސްރީލަންކާގެ ރައީސް ކަމަށް 2019 ވަނަ އަހަރު ކުރިމަތިލާފައެވެ. ނަމަވެސް ގޮތަބަޔާ އާއި ވާދަކޮށް އޭނާ އަށް ހޯދުނީ %41 ވޯޓެވެ. ސަޖިތު އަންނަނީ 2000 ވަނަ އަހަރުން ފެށިގެން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަވަށުމީހުން

    ބޯ ބޮޑު ގޮލައެއްމީ.. އިނގޭ ވިއްޔާ މިހާރު ރައީސަކަށް ވާ މީހަކަށް ޤައުމު ހަމަ މަގަށް ނޭޅުވޭނެކަން އަވަހަކަށް. އަނެއްކާވެސް ރައްޔިތުން އުތުރިއަރާ ގަންނާނެކަން..

  2. ނަސީރު..

    ނޮހޮވޭނެކަން އެނގޭތީ. އަނެއްކާވެސް ރާއްޖޭގަ މިއުޅޭ "ބޮޑުވަޒީރުބެއްޔާ" ހެން ހަޅުތާލުހަދާހިތް ވާތީ..

    • ބޮޑުވަޒީރު

      ބޮޑުވަޒީރު ބެއްޔާ އޮޅާލާފަ..........(ވިޝުއަލައިސް!)