ސްރީލަންކާގެ ރައީސް ކަމަށް މިހާރު ވަގުތީ ރައީސް ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އާއިއެކު އިތުރު ދެބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މިހާރު ކުރިއަށްދާ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ރައީސް ކަމަށް ނަން ހުށަހަޅަން ފުރުސަތު ހުޅުވާލުމުން ރަނިލްގެ އިތުރުން ދެން ރައީސް ކަމަށް ކުރިމަތިލީ ރަނިލް ވެސް ނިސްބަތްވާ އެސްއެލްޕީޕީގެ މެންބަރެއް ކަމަށްވާ ޑުލަސް އަލަހަޕޭރުމާ އާއި އިދިކޮޅު އެންޕީޕީގެ ލީޑަރު އަނޫރާ ކުމާރު ޑިސަނަޔަކަގެއެވެ.

ޑުލަސް އަކީ މިހާރު އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެސްޖޭބީގެ ތާއިދު ވެސް އޮތް ކެންޑިޑޭޓެވެ. އޭނާ އަކީ ރާޖަޕަކްސަގެ އާއިލާ އިން ކޮންޓްރޯލް ކުރާ އެސްއެލްޕީޕީގެ މެންބަރެއް ކަމަށް ވީނަމަވެސް ޕާޓީގެ ތެރޭގައި ތިބި ރާޖަޕަކްސަ އާއިލާ އާއި ދެކޮޅު މެންބަރުން ފިޔަވައި އަމިއްލަ ޕާޓީގެ އެހެން މެންބަރުންގެ ތާއީދު އޭނާއަކަށް ނެތެވެ.

މަހިންދްރަ ރާޖަޕަކްސަ އާއި ގޮތަބަޔާ ރާޖަޕަކްސަގެ ތާއިދު އޮތީ މިހާރު ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ރަނިލް އަށެވެ.

ސްރީލަންކާގެ ރައީސް ކަމަށް ބޭފުޅަކު އިންތިޚާބު ކުރުން އޮންނާނީ މާދަމާ ކަމަށް މިއަދު ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި އިއުލާން ކުރިއެވެ.

ސްރީލަންކާގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދޭސަ މިއަދު ވަނީ އޭނާ ރައީސް ކަމަށް ކުރިމަތިނުލާނެކަން އިއުލާން ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ރައީސް ކަމަށް ކުރިމަތިނުލުން އެއީ މިވަގުތު ގައުމާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެވެ.

ސަޖިތު ވަނީ އޭނާގެ ތާއިދު ޑަލަސް އަށް އޮތްކަން ވެސް މިހާރު ހާމަކުރައްވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަޖިތު ކުރިމަތިނުލި އެއްސަބަބަކީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯދާ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު ކުޑަވުމެވެ.