އިންޑިއާގެ އުއްތަރްޙާންދްގެ ފެންބޮޑުވެފައިވާ މަގެއް ހުރަސްކޮށް ދާން އުޅުމުގެ ތެރޭގައި ސްކޫލް ބަހެއް ފުރޮޅާލައިފިއެވެ.

ޗަމްޕަވަތު ޑިސްޓްރިކްޓްގެ ޓަނަކްޕޫރުގައި ހިނގި މި ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބަސް ފެންގަނޑުން މެދުން ދުއްވާފައި އައިސް، މަޑުކޮށްގެން ހުރެފައި ކުއްލިއަކަށް ކުރިއަށް ޖެހިލި ތަނުން އެއް ފަޅިއަކަށް ބަސް އަރިއަޅާލައި، ފެންގަނޑު ތެރެއަށް ވެއްޓި ބަންޑުން ޖެހޭ ތަނެވެ.

މި ހާދިސާ ހިނގިއިރު، އެ ބަސް ތެރޭގައި ސްކޫލް ދަރިވަރެއް ނެތެވެ. އެ ބަހުގައި އެވަގުތު ތިބީ ބަސް ކޮންޑަކްޓަރގެ އިތުރުން، ބަސް ދުއްވަން އިން މީހާއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި އެ ބަހުގައި ތިބި ދެ މީހުންނަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާވި ނަމަވެސް، ދެ މީހުންވެސް ވަނީ ސަލާމަތުން އޭގެ ތެރެއިން ނެރެފައެެވެ.

މިހާރު އިންޑިއާގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި އެތައް ހާސް ބަޔަކަށް އަސަރުކޮށް، ބައެއް ސަރަހައްދުތަކުގެ ހާލަތު ވަނީ ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު