ލަންކާގެ ކޮވިޑް-19 ހާލަތު ގޯހުން ގޯހަށްގޮސް ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ލަންކާގެ ހެލްތް މިނިސްޓްރީން ބުނީ، ފާއިތުވި ދެ ހަފްތާގެ ތެރޭގައި ބައްޔަށް ފައްސިވާ މީހުން ބޮޑު ތަނުން އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން އިއްޔެ އެކަނި އެގައުމުގެ އެކި ސަރަހައްދުތަކުން ބައްޔަށް 62 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ގިނައިން ބަލި ޖެހެނީ ކޮވިޑްއިން ދިފާއުވުމަށް ޖަހާ ވެކްސިން ނުޖަހާ ތިބި މީހުންނަށް ކަމަށާއި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ލަންކާއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވަމުން އައި ނަމަވެސް، އެގައުމުގެ ގިނަ ސަރަހައްދުތަކުގައި މީގެ ކުރިން ކޮވިޑް ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވީނަމަސް މިހާރު އެކަން ކުރަމުންނެއް ނުދެއެވެ.

އިއްޔެ އެގައުމުން 62 މީހަކު ކޮވިޑަށް ފައްސިވެފައިވާކަން މިނިސްޓްރީން ހާމަ ކުރި ނަމަވެސް މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ލަންކާއިން މިހާތަނަށް 664,510 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 16،528 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 647،460 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 522 މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު