އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް 2021 ވަނަ އަހަރުގެ ޖަނަވަރީ ހަވަނަ ދުވަހު އޭރު އެމެރިކާގެ ރައީސް ކަމުގައި ހުރި ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަތް މައްސަލައިގެ ތަހްގީގަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

މައްސަލަ ތަހްގީގުކުރާ ސެނެޓްގެ ކޮމެޓީން މިއަދު ބުނީ ޖަނަވަރީ-6 ވަނަ ދުވަހު ޓްރަމްޕްގެ ހަރަކާތްތައް ހުރިގޮތް ހޯދަން އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސާވިސްގައި އެދުމުން އެދުވަހު ސީކްރެޓް ސާވިސް އިން ކުރި މެސެޖްތައް ފުހެލާފައިވާ ކަމަށް އެއިދާރާއިން ބުނެފައިވާ ކަމަށެވެ.

ސީކްރެޓް ސާވިސްގެ ކަންކަން ބަލަހައްޓާ ހޯމް ސެކިއުރިޓީ އޮފީހުން ފުރަތަމަ ވަނީ ޖަނަވަރީ 05 ވަނަ ދުވަހާއި އަދި 06 ވަނަ ދުވަހު ވެސް މައްސަލަ އާއި ގުޅޭ މެސެޖްތަކެއް ކުރިކަމަށް ބުނެފައެވެ. ނަމަވެސް އެމެސެޖްތައް ފޯރުކޮށްދޭން ބުނުމުން އެކަމަށް ވަނީ ދެކޮޅު ހަދާފައެވެ.

ސީކްރެޓް ސާވިސް އިން ބުނާ ގޮތުގައި މެސެޖްތައް ފުހެވިގެން ދިޔައީ ސީކްރެޓް ސާވިސް އިން ބޭނުންކުރާ ޑިވައިސްތައް ބަދަލުތައް އާޑިވައިސްތަކެއް މިހާރު ގެންގުޅޭތީއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ޓްރަމްޕްގެ ސަޕޯޓަރުން ވަތް މައްސަލައިގައި މިހާރު ވެސް ޓްރަމްޕްގެ މައްޗަށް ވަނީ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ. މިމައްސަލައިގައި ޓްރަމްޕްގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަން ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ގެންދަނީ ބާރުއަޅަމުންނެވެ.

ޓްރަމްޕްގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގައިފިނަމަ 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ބަންދުވުން ވެސް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު