ސްރީލަންކާގެ ރައީސް ކަމަށް އޭނާ އިންތިހާބުކުރުމާ ގުޅިގެން އެގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގަމުންދާ ކަމަށާއި ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

މިމަހުގެ 14 ގައި ގޮތަބަޔާ ރާޖަޕަކްސަ ރައީސް ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ލަންކާގެ ބޮޑުވަޒީރު ކަން ވެސް ކުރައްވާފައިވާ ރަނިލް އެގައުމުގެ ރައީސްކަމަށް އިންތިހާބު ކޮށްފައިވަނީ ގާނޫނު ހަދާ މަޖިލީހުގާ ނެގުނު ވޯޓަކުންނެވެ.

އެކަމަކު، އެ ނިންމުމާ ދެކޮޅަށް އެގައުމުގެ ބައެއް ރައްޔިތުން އަންނަނީ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ. އެކަމާ ގުޅިގެން ރަނިލް ވަނީ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާ މީހުންނަށް އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރަނިލް ރައީސްކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދެވެ.

"ސަރުކާރު ވައްޓާލުމަށްޓަކައި ރައީސް އޮފީހާއި ބޮޑުވަޒީރުގެ އޮފީސް ހިސޯރުކުރަން މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް. އެކަމުގައި އުޅޭ މީހުންނަށް ގާނޫނުގައިވާ ފިޔަވަޅު އަޅާނަން" ރަނިލް ވިދާޅުވިއެވެ.

ރަނިލް ރައީސް ކަމަށް ހޮވުނުކަން އިއުލާންކުރިތާ ކުޑަ ވަގުތުކޮޅެއްގައި ލަންކާގެ ކޯޓަކުން ވަނީ ކޮލޮމްބޯގެ ގޯލް ފޭސްގައި ހުންނަ ބަންޑާރަނައިކަ ބުދު ކައިރީ 50 މީޓަރު ސަރަހައްދެެއްގައި މީހުން އެއްވެ އުޅުން މަނާކޮށްފައެވެ. އެކަމަކު، މުޒާހަރާގެ ބައިވެރިން ވަނީ އެ އަމުރާ ހިލާފުވެ އެސަރަހައްދަށާއި ރައީސް އޮފިސް ކައިރިއަށް ވެސް އެއްވެފައެވެ.

ލަންކާގެ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އެގައުމު ބަނގުރޫޓުވެ، އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސްވެސް ނުލިބޭ ހާލަތަށް ގައުމު ގޮސްފައިވުމުންނެވެ.