ސްރީލަންކާގެ ބޮޑުވަޒީރަކަށް ކުރިން އެކިއެކި މިނިސްޓްރީތަކުގެ މިނިސްޓަރުކަން ޑިނިޝް ގުނަވަރްދެނަ އައްޔަންކޮށްފިއެވެ.

މިއަދު ހެނދުނު ސްރީލަންކާގެ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ގުނަވަރްދެނަ ވަނީ ބޮޑުވަޒީރު ކަމުގެ ހުވާ ކޮށްފައެވެ. ސްރީލަންކާގެ 15 ވަނަ ބޮޑުވަޒީރުގެ ގޮތުގައި ގުނަވަރްދެނަ ބޮޑުވަޒީރު ކަމާއި ހަވާލުވިއިރު އޭނާ އަކީ ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ހުރި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

ގުނަވަރުދެނަ އަކީ ސްރީލަންކާގެ އެމްއީޕީގެ ލީޑަރެވެ. އޭނާ އަންނަނީ 1983 ވަނަ އަހަރުން ފެށިގެން އެޕާޓީގެ ލީޑަރުކަން ކުރައްވަމުންނެވެ. އެއީ މިހާރު މަހިންދްރަ ރާޖަޕަކްސަގެ އެސްއެލްޕީޕީ އާއި ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ.

ގުނަވަރުދެނަ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ފުރަތަމަ އިންތިހާބުވީ 1989 ވަނަ އަހަރު އެވެ. ނަމަވެސް 1994 ވަނަ އަހަރުގެ އިންތިހާބުގައި އޭނާއަށް ގޮނޑިއެއް ކާމިޔާބު ނުކުރެވުނެވެ. ދެން އޭނާ ގާނޫނު ހަދާ މަޖިލީހަށް ހޮވުނީ 2000 ވަނަ އަހަރު އެވެ. އެއިންތިހާބަށް ފަހު ޓްރާންސްޕޯޓް މިނިސްޓަރަކަށް އޭނާ އައްޔަން ކުރިއެވެ. 2004 ވަނަ އަހަރު އޭނާ އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ކަމަށް އައްޔަން ކުރިއެވެ.

2007 ވަނަ އަހަރު ކެބިނެޓުން ފުރުސަތު ގެއްލުނު ނަމަވެސް އަނެއްކާވެސް 2010 ވަނަ އަހަރު އޭނާ ކެބިނެޓަށް އައްޔަން ކުރެވުނެވެ. އެފަހަރު ގުނަވަރުދެނަ އައްޔަން ކުރީ ފެނާއި ނަރުދަމާ އާއި ގުޅޭ ކަންކަން ބަލަހައްޓާ މިނިސްޓަރުގެ މަގާމަށެވެ. 2015 ވަނަ އަހަރު އޮތް އާއްމު އިންތިހާބު ވެސް ކާމިޔާބުކޮށް ގުނަވަރުދެނަ އަނެއްކާވެސް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކަށަވަރު ކުރިއެވެ. އަދި 2019 ވަނަ އަހަރުގެ އިންތިހާބު ވެސް ކާމިޔާބުކޮށް އޭނާ އަކީ މިހާރު ވެސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.

ގުނަވަރުދެނަ ސްރީލަންކާގެ ބޮޑުވަޒީރު ކަމާއި ހަވާލުވެފައި މިވަނީ ދުވަހަކު ވެސް އެގައުމު ތަޖުރިބާ ނުކުރާފަދަ ތަދުމަޑުކަމަކާއި މުޅި ގައުމު ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ކިހާވަރަކުން ދާނެބާ