ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ކޯލް ފޭސް ސަރަހައްދުގައި އެގައުމުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއަށް ރޭ މެންދަމު ސިފައިން ވަދެގަނެ، ވަރަށް އަނިޔާވެރިކޮށް މުޒާހަރާ ރޫޅާލުމުން މިއަދު ކޮލަމްބޯގެ އެހެން ސަރަހައްދެއްގައި މުޒާހަރާ ފަށައިފިއެވެ.

ސްރީލަންކާގެ މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު މުޒާހަރާ ފަށާފައި ވަނީ ކޮލަމްބޯގެ މައި ރެއިލްވޭ ސްޓޭޝަން ކަމަށްވާ ފޯޓް ރޭލްވޭ ސްޓޭޝަން ކުރިމަތީގައެވެ. އެއީ ވެސް ސްރީލަންކާ ސަރުކާރުގެ މުހިއްމު އޮފީސްތައް ހުންނަ ސަރަހައްދާއި ދުރުނޫން ހިސާބެއްގައި ހުންނަ ރެއިލްވޭ ސްޓޭޝަނަކެވެ.

ރޭ މެންދަމު 01:30 ކަންހާއިރު ސިފައިން ގޯލް ފޭސް ސަރަހައްދުގެ މުޒާހަރާ ރޫޅާލައި އެސަރަހައްދުގައި ހުރި ބައެއް ޓެންޓްތައް ވަނީ ހަލާކު ކޮށްލާފައެވެ.

މުޒާހަރާ ރޫޅާލުމުގައި ސިފައިން އަމަލުކުރި ގޮތް ތަހްގީގު ކުރުމަށް ސްރީލަންކާގެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ބައެއް ގައުމުތަކުގެ ސަފީރުން މިހާރު ވަނީ ގޮވާލާފައެވެ.

ގޯލް ފޭސް އަކީ ސްރީލަންކާގެ ރިޔާސީ ގަނޑުވަރާއި ރައީސް އޮފީސް ހުންނަ އިމާރާތުގެ ކުރިމަތީގައި އޮންނަ ހުސް ބިމެކެވެ. މުޒާހަރާ ރޫޅާލުމަށްފަހު ސިފައިންނާއި ފުލުހުން މިހާރު ވަނީ ގޯލް ފޭސް ސަރަހައްދަށް ނުވަދެވޭ ގޮތައް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު