ޗައިނާގެ ރައީސް ޝީޖިންޕިން ގެންގުޅުއްވާ "އެއް ޗައިނާ" ސިޔާސަތަށް ރަޝިޔާގެ ތާއީދު އޮންނާނެ ކަމަށް އެގައުމުގެ ހާރިޖީ ވަޒީރު ސަރްގެއި ލެވްރޮފް ވިދާޅުވެއްޖެއެވެ.

ލެވްރޮޕް އެފަދައިން ވިދާޅުވެފައިވަނީ މިނިވަންކަން ދެމެހެއްޓުމަށް ޓައިވާނުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

ޓައިވާނުގެ މައްސަލައާއި ގުޅޭ ގޮތުން ޖޯ ބައިޑަން އާއެކު ވާހަކަދައްކަވަމުން ޝީ ވަނީ އަލިފާނާއި ކުޅެން ނޫޅުމަށް އެމެރިކާއަށް ގޮވާލާފައެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެގައުމުގެ ބައެކެވެ. އެމީހުން މަސައްކަތް ކުރަނީ ޓައިވާން ވަކި ދައުލަތެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ޗައިނާގެ ބައެއްގެ ގޮތުގައި ހެދުމަށެވެ.

އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން ރަޝިޔާގެ ހާރިޖީ ވަޒީރު ވިދާޅުވީ އެއް-ޗައިނާ ސިޔާސަތު ދެމެހެއްޓުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް އެގައުމުން އެއްބާރުލުން ދޭނެ ކަމަށާއި އެކަމަށް އެގައުމުން ތާއީދުކުރާނެ ކަމުގައެވެ.

""ޗައިނާއިން އެ ގައުމުގެ ސިޔާދަތު ދަމަހައްޓައި ރައްކާތެރި ކުރުމަށް ކުރާ މަސައްކަތްތަކަށް ރަޝިޔާއިން ތާއީދު ކުރާނެ،" އޭނާ ވިދާޅުވިއެވެ.

ޑިމޮކްރަސީއެއް އޮންނަ، އަމިއްލަ ވެރިކަމެއްކުރާ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް އެގައުމުން އަބަދުވެސް ދައުވާ ކުރެއެވެ. ކޮންމެވެސް ދުވަހަކު ޓައިވާން ޗައިނާގެ ދަށަށް ގެންދާނެ ކަމަށާއި ބާރުގެ ބޭނުންކޮށްގެން އެކަން ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ޗައިނާއިން އަބަދުވެސް އަންނަނީ ބުނަމުންނެވެ.

ޓައިވާނަކީ 1959 ވަނަ އަހަރު ޗައިނާގައި ކޮމިއުނިސްޓު ވެރިކަން ގާއިމުވުމުން އޭރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ނެޝަލިސްޓުން ފިލަން ދިޔަ ކުޑަ ޖަޒީރާ ރަށެކެވެ. އެކަމަކު، މިހާތަނަށް އައިއިރުވެސް އެއި މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާނުކޮށްފައިވާ ގައުމެއް ނޫނެވެ. ދުނިޔެއިން ބަލައިގެންފައިވަނީ ޗައިނާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާސިލް

    ޗައިނާއިން އެބުނަނީ ހަމަ ހަޤީޤަތް

  2. ދުނިޔެ

    ޓައިވާނަކީ ޗައިނާގެ ބަޔަކެވެ. އެކަން ޤަބޫލުކުރުން ނޫގޮތެއް ނެތެވެ.

  3. Anonymous

    ޗައިނާ އާއި ރަޝިއާގެ ކުރިމަތީގައި ދެނެއް އެމެރިކާ އަކަށް ފޮންޏެއް ނުދެއްކޭނެ އެވެ

    10