ރަޝިއާއާއި ޔޫކްރޭންގެ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއިން ޔޫކްރޭންގެ އާންމުން މަރަން ފޯރި ހުރި ރަޝިއާގެ އަސްކަރިއްޔާގެ އަންހެން ސިފައިންގެ މީހަކު މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 52 އަހަރުގެ ކޮލޮނަލް އޮލްގާ ކުރްސާ ކަޗޫރާ މަރުވެފައިވަނީ ޔޫކްރޭނުންގެ އަސްކަރިއްޔާއިން ހޯލިވްކާއަށް ފޮނުވާލި ހަމަލާ އޭނާ ދުއްވަން އިން ކާރަށް އަމާޒުވެގެންނެވެ.

ދެކުދިންގެ މަންމަ ކަމުގައިވާ އޮލްގާ މަރުވުމާއި ގުޅިގެން ރަޝިއާއިން ވަނީ އޭނާއަށް ބަޠަލެއްގެ ލަގަބު އަރުވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޮލްގާއަކީ ރަޝިއާއާއި ޔޫކްރޭންގެ ހަނގުރާމަ އެންމެ ހޫނުވި ދުވަސްކޮޅު ޔޫކްރޭންގެ އާންމުންގެ ގަޔަށް ބަޑި ޖަހައި އަދި މިސައިލް ހަމަލާތައްދީ މަރާލުމަށް އަމުރު ކުރި މީހެކެވެ. އެހެން ކަމުން އޭނާގެ މަރުގެ ހަބަރު މީޑިއާތަކުން ގެނެސްދީފައިވަނީ ވެސް ޔޫކްރޭންގެ އާންމުން މަރަން ފޯރި ހުރި ސިފައިންގެ އަންހެނެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

މީގެ އިތުރުން އޭނާ ޔޫކްރޭންގެ ސިފައިންގެ މީހެއް ކަމަށް ހެދިގެން ޔޫކްރޭންގެ ސިފައިންގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގައި ޖާސޫސް ކޮށްފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި ކްރެމްލިންގެ ޕްރޮޕަގަންޑާގެ ދަށުން އަމިއްލަ ގައުމުގެ މީހުން ވެސް މަރާލާފައިވާ މީހެއް ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައިގެ ތެރޭގައި ދެގައުމުން ވެސް ސިފައިންނާއި އާންމުންގެ ގިނަ ބަޔަކު މަރުވެފައިވާއިރު، ހަނގުރާމަ އަދި ވެސް ނިންމާލުމާއި ގާތަކަށް ނުދެއެވެ. ނަމަވެސް ހަނގުރާމައިގެ ތެރެއިން ނިއުކްލިޔާ ހަތިޔާރު ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ރަޝިއާގެ ރައީސް ވްލަޑްމިއަރު ޕޫޓިން ވަނީ ދާދި ފަހުން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު