އިސްރާއީލުން މިއަދު ފަަލަސްތީންގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ވަނީ ފަސް އަހަރުގެ އަންހެން ކުއްޖަކު ޝަހީދު ކޮށްލާފައެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލް ސިފައިން ވައިގެ މަގުން ދިން ހަމަލާތަކުގެ ތެރެއިން ހަމަލާއެއްގައި ޝަހީދުވެފައި ވަނީ ޣައްޒާގެ ފަސް އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ އަލާ ގައްދޫމް އެވެ.

އަލާ ޝަހީދުވީ އޭނާ ބައްޕަ އާއިއެކު ސްޕަމާކެޓަކަށް ދަނިކޮށް ދެބަފައިން ތިބި ސައިކަލަށް އިސްރާއީލް ސިފައިންގެ ހަމަލާއެއް އަމާޒުވުމުންނެވެ. ހަމަލާ އަމާޒުވުމާއިއެކު ވަގުތުން އަލާ އާއި އޭނާގެ ބައްޕަ ވެސް ވަނީ ޝަހީދުވެފައެވެ. އިސްރާއީލް ސިފައިންގެ ހަމަލާގައި އަލާގެ ބޮލަށް ވަރަށް ބޮޑު ޒަހަމެއް ލިބުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިހަމަލާގައި އަލާގެ ބޭބެ ވެސް ވަނީ ޒަހަމްވެފައެވެ.

މިއަދު ޝަހީދުވި ފަސް އަހަރުގެ އަލާ
މިއަދު ޝަހީދުވި ފަސް އަހަރުގެ އަލާ

އިސްރާއީލުން ބުނާ ގޮތުގައި މިއަދު ޣައްޒާއަށް ހަމަލާތައް ދޭން ފެށީ އިސްލާމިކް ޖިހާދުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެންނެވެ. އިސްރާއީލުން ބުނާ ގޮތުގައި އިސްރާއީލްގެ އަމާޒަކީ އިސްލާމިކް ޖިހާދުގެ މުޖާހިދުންނެވެ. މިއޮޕަރޭޝަންގެ އަމާޒަކީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތް ނޫންކަން އދ.އާއި މިސްރުގެ ޑިޕްލޮމެޓުން މެދުވެރިކޮށް ވެސް އިސްރާއީލުން ވަނީ ހަމާސް އަށް އަންގާފައެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު 12 އަށް ވަނީ އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 60 އަށް ވަނީ އަރާފައެވެ.

މިއަދު އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ 2019 ވަނަ އަހަރު އިސްރާއީލުން ތިން ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކަށް ފަހު ދެމުންދާ އެންމެ ވަރުގަދަ ހަމަލާތަކެވެ.

އިސްރާއީލްގެ އަނިޔާވެރި އަމަލުތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ގިނަ ދުވަސްތަކަކަށް ދިގުދެމިގެން ދިއުން ވަރަށް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މެސީ1

    އަޅާނުލާ ޔޫރަޕް ޔުކުރެއިންގެ ކުއްޖެއް ނޫންތީ، ސީއެންއެން، ބީބީސީ އަކައް ނުފެންނާނެ

  2. ނާފިޒު

    ކޮންފަދަ އަނިޔާއެއް ތޯ. އެމައުސޫމް ކުއްޖާގެ ކުށަކީ ކޮބައިތޯ. މާތް ﷲ. އާލާ އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި.

    15