ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ރަށްތަކެއް ހިއްކާތީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުގެ ޖަމިއްޔާ އާސިއާންއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އާސިއާންއިން އެގޮތަށް ކަންބޮޑުވުން ފާޅުކުރީ އެ ޖަމިއްޔާއިން މިދިޔަ ބުދަ ދުވަހު ބޭއްވި އާސިއާންގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައެވެ.

ޗައިނާ އިން ރަށްތައް ހިއްކާ މައްސަލައިގައި އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީ މަސްލަހަތު ގެއްލޭ ގޮތަށް ދެކުނު ޗައިނާ ކަނޑުގައި އަމަލުތައް ނުބެހެއްޓުމަށް ގޮވާލައިފައެވެ.

އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވެ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން ވަނީ ގޮވާލައިފައެވެ.

ނިމިގެން ދިޔަ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ހިއްކި ރަށްތަކުގައި އިތުރަށް މަސައްކަތް ފަށައިފައެވެ.

އޭގެ ކުރިން ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ހިއްކި 25 ރަށަކަށް ނަން ވެސް ދީފައެވެ.

ޗައިނާ އާއި ޓައިވާން ގުޅުން ވަރަށް ބޮޑަށް ގޯސްވެ ޗައިނާގެ ބާރުގެ ދަށަށް ޓައިވާން ގެނައުމަށް މަސައްކަތް ކުރަމުންދާ އިރު ދެކުނު ޗައިނާ ކަނޑުގައި ގާއިމު ކުރި ރަށްތައް ޗައިނާއަށް ސްޓެރެޓެޖިކް ގޮތުން ވަރަށް މުހިންމެވެ.

ޗައިނާއިން މިހާރުވެސް ގެންދަނީ ޓައިވާން ވަށާލައި ބޮޑު އަސްކަރީ ޑްރިލްއެއް ކުރިއަށް ގެންދަމުންނެވެ.