އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ އިސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލް މީޑިއާތަކުން ބުނީ ޝަހީދުވި މީހާގެ އިތުރު އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ. މިކަމާ ގުޅިގެން އިސްލާމިކް ޖިހާދުން ވަކި އެއްޗެއް ނުބުނެއެވެ.

އިއްޔެ އިސްރާއީލުން ޣައްޒާ އަށް ހަމަލާތައް ދޭން ފެށީ ވެސް އިސްލާމިކް ޖިހާދުގެ ވެރިއަކު ޝަހީދު ކުރުމަށް ފަހުއެވެ. އިއްޔެ ޝަހީދުކޮށްލީ ތައިސީރް އަލް ޖަބާރީ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ދެކުނު ޣައްޒާގެ އަސްކަރީ ގޮފީގެ ވެރިޔާއެވެ.

އިސްރާއީލުން ބުނާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކަކީ ވެސް އިސްލާމިކް ޖިހާދާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކެކެވެ. އެހެންވެ މިހަމަލާތަކުގެ ތެރެއަށް ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ނުވަނުމަށް އިސްރާއީލުން ވަނީ އެދިފައެވެ.

ހަމާސް އިން އިސްރާއީލަށް ރައްދު ހަމަލާތައް ދޭން ފަށައިފިނަމަ އިސްރާއީލަށް އަމާޒުވާ ރޮކެޓްތަކުގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ދާނެއެވެ. އިސްލާމިކް ޖިހާދަށްވުރެ އަސްކަރީ ގޮތުން ހަމާސް ވަރުގަދައެވެ.

ހަމާސް އާއި އިސްލާމިކް ޖިހާދަކީ ފަލަސްތީންގައި ހަރަކާތްތެރިވާ މުޖާހިދުންގެ އެންމެ ވަރުގަދަ ދެޖަމާއަތެވެ. ނަމަވެސް ދެޖަމާއަތުގެ ދެމެދުގައި އޮންނަ ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ދެޖަމާއަތުން ބައެއް ކަންކަމުގައި އެކުގައި މަސައްކަތެއް ނުކުރެއެވެ.