މިއީ އިސްރާއީލުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ޣައްޒާއަށް މެދުނުކެނޑި ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގެ އެންމެ ފަހުގެ ޚަބަރުތައް ގެނެސްދޭ ލައިވް ބްލޮގް އެކެވެ.


01:37

އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ހަމަލާ ދިނުން މެދު ކަނޑާލައިފި

00:05

ހަމަލާތައް އިސްރާއީލް ގަޑިން 23:30 ގައި (ރާއްޖެ ގަޑިން 1:30) ހުއްޓާލަން އެއްބަސް ވެއްޖެ.

23:33

ޣައްޒާގައި ބައްޕައަކާއި އޭނާގެ ތިން ދަރިން ޝަހީދުކޮށްލައިފި.

23:00

މިރޭ މެންދަމު އިސްރާއީލްގެ ގަޑިން 00:00 ގެ ކުރިން ހަމަލާތައް ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ނުބެލެވޭ ކަމުގައި އިސްރާއީލްގެ އޮފިޝަލުން ބުނެފި. އިސްރާއީލްގެ ގަޑިން މިހާރު 21:00

22:58

ހަމަލާތައް ބަދަލުކުރުން ހުއްޓާލަން މިސްރު މެދުވެރިއެއްގެ ދައުރު އަދާކޮށް، އިސްލާމިކް ޖިހާދާއި އިސްރާއީލާއި އަންނަނީ މަޝްވަރާތައް ކުރަމުން.

22:15

އިސްރާއީލްގެ ވެރިރަށާއި މައި އެއާޕޯޓަށް ރޮކެޓް ހަމަލާތަކެއްދީފި.

22:04

ޣައްޒާއަށް އިސްރާއީލުން މިރޭ ދިން ހަމަލާއެއްގައި އެއްބަނޑު އެެއްބަފާ ތިން ފިރިހެނުން ވަނީ ޝަހީދުވެފައި.

22:00

ޣައްޒާގެ ތިން ސަރަހައްދަކަށް އިސްރާއީލުން އެއްވަގުތެއްގައި ބޮން އަޅައި ގިނަ ބަޔަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްލައިފި. ޣައްޒާގެ މީޑިއާތަކުން ބުނާ ގޮތުގައި މިހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އަދި ކަށަވަރެއް ނުވޭ.

21:21

ޣައްޒާއަށް ހަމަލާތައް ދޭން ފެށި މަޤުޞަދު ހާސިލްވެއްޖެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ޔައިރު ލެޕިޑް ބުނެފި. އޭނާ އިސްރާއީލްގެ ދެކުނުގެ މުނިސިޕަލް ލީޑަރުންނާއި ބައްދަލުކޮށް ބުނީ މިހާރު ހަމަލާތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތްކަމަށް.

ހަމަލާތައް ހުއްޓާލަން ނިންމިކަން އިސްރާއީލުން މީގެ ދެގަޑިއިރު ކުރިން އިއުލާން ކުރިނަމަވެސް އަދިވެސް ޣައްޒާއަށް ހަމަލާތައް ދެމުން އެބައަންނަ ކަމަށް ޣައްޒާގެ މީޑިއާތަކުން ބުނޭ.

20:54

އިސްރާއީލުން އަނެއްކާ ވެސް ޣައްޒާއަށް ބޮމުގެ ހަމަލާތައް ދޭން ފަށައިފި. ހަމަލާތަކުގައި ލިބުނު ގެއްލުން އަދި މީހަކަށް ޒަހަމްވި ކަމެއް އަދި އެނގިފައެއް ނުވޭ.

18:33

ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދު ކަނޑާލަން އިސްރާއީލުން އެއްބަސް ވެއްޖެ.

18:29

ޣައްޒާއިން ފޮނުވާލި ހަމަލާގައި އިސްރާއީލަށް ލިބުނު ގެއްލުން

18:13

ފަލަސްތީންގެ ޣައްޒާއިން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފި

17:39

އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށް

16:59

ޣައްޒާގައި ޝަހީދު ކޮށްލި މީހުންގެ ޖަނާޒާ ކުރިއަށް ދަނީ

14:29

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލް ސިފައިން މިދިޔަ ހުކުރު ދުވަހުން ފެށިގެން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި 31 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް. އޭގެތެރޭގައި ހަ ކުޑަ ކުދިންނާއި ހަތަރު އަންހެނުން ހިމެނޭ ކަމަށް ބުނެފައިވޭ.

މި ހަމަލާތަކުގައި 265 މީހަކު ވަނީ މިހާތަނަށް ޒަހަމްވެފައި.

13:45

އިސްރާއީލުން ހަމަލާ ދިން ސަރަހައްދެއް ސުންނާފަތިވެފައި

13:44

އިސްރާއީލުން ހަމަލާ ދިން ސަރަހައްދެއް.

13:44

އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ.

13:43

އިސްރާއީލް ސިފައިން މީގެ ކުޑަ އިރުކޮޅެއް ކުރިން ޖަބަލިއާ އަށް ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު ޝަހީދުކޮށްލައި ގިނަ ބަޔަކު ވަނީ ޒަހަމްކޮށްލާފައި.

12:43

ޣައްޒާ އާއި އެންމެ ކައިރި އިސްރާއީލްގެ އަވަށްތަކުގައި މިހާރު ވެސް ރޮކެޓެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން ސައިރަން އަޅަމުން އެބަގެންދޭ.

12:10

ޣައްޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތައް އަދިވެސް ދިގުދެމިގެން ދާނެ ކަމަށް އިސްރާއީލުން ބުނެފި.

އިސްރާއީލްގެ ބޮޑުވަޒީރު ޔައިރު ލެޕިޑް އާއި ޑިފެންސް މިނިސްޓަރ ބެނީ ގަންޓްޒް ނެރުނު ބަޔާނެއްގައި ބުނީ މިހަމަލާތަކުގެ މަޤުޞަދު ހާސިލްވަންދެން ހަމަލާތައް ދިނުން ކުރިއަށް ގެންދާނެ ކަމަށް.

"އަހަރެމެންނަށް އިސްލާމިކް ޖިހާދުގެ ކިބައިން އަމާންކަން ލިބުމާއި ހަމައަށް އަދި މިހާރު އޮތް ނުރައްކާތައް ނެތިގެން ދިއުމާއި ހަމައަށް ހަމަލާތައް ކުރިއަށް ގެންދާނަން." ގަންޓްޒް ބަޔާނުގައި ބުނި.

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާއިރު ޣައްޒާ އިން ވެސް ގެންދަނީ އިސްރާއީލަށް ހަމަލާތައް ދެމުން. ހޮނިހިރު ވިލޭރެއިން ފެށިގެން މިހާތަނަށް އިސްރާއީލްގެ ދެކުނަށް ޣައްޒާއިން ވަނީ 500 ވަރަކަށް ރޮކެޓް ފޮނުވާލާފައި.

12:03

ޣައްޒާ އިން ފޮނުވާލި ރޮކެޓެއް އިސްރާއީލްގެ ގެއަކަށް އަމާޒުވެއްޖެ. ރޮކެޓް އަމާޒުވިއިރު އެގޭގައި މީހުން ތިބި. ނަމަވެސް އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި މިހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. ރޮކެޓް ހަމަލާގެ ސަބަބުން ގެއަށް ކުދިކުދި ގެއްލުންތައް ލިބުނު ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނޭ.

11:46

ޣައްޒާގެ ޖަބާލިއާއަށް އިސްރާއީލުން ދިން ހަމަލާއެއް މީހުން ދިރިއުޅޭ ގެއަކަށް އަމާޒުވެއްޖެ. އެހަމަލާގައި ދެމީހަކު ޝަހީދުވެއްޖެ ކަމަށް ޣައްޒާގެ މީޑިއާ ރިޕޯޓްތައް ބުނެފި. އަދި އިތުރު ހަތަރު މީހަކު ވަނީ ޒަހަމްވެފައި.

11:41

އަޤުޞާ މިސްކިތުގެ ގޯތިތެރޭގައި އިސްރާއީލް ސިފައިން މުސްލިމުންނަށް އަނިޔާ ކުރަމުން އެބަގެންދޭ. މިސްކިތައް ވަންނަން އުޅުނު މުސްލިމުންނަށް އިސްރާއީލް ސިފައިން މިއަދު ވަނީ މުގުރުބުރިން ހަމަލާދީފައި.

ނަމަވެސް އިސްރާއީލްގެ ހަރުކަށި ޔަހޫދީއެއް ކަމަށްވާ ބެން-ގިވިރު އޭނާއަށް ތަބާވާ ބަޔަކާއިއެކު މިއަދު އިސްރާއީލް ސިފައިންގެ ހިމާޔަތުގައި ވަނީ އަޤުޞާ މިސްކިތައް ވަދެފައި.

10:56

އިސްރާއީލުން ހުކުރު ދުވަހު ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި ފަލަސްތީންގެ އިތުރު އަށް މީހަކު ޝަހީދު ކޮށްލައިފި.



އިސްރާއީލުން ހުކުރު ދުވަހު ޣައްޒާއަށް ހަމަލާތައް ދޭން ފެށީ ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ މުޖާހިދުންނަށް އަމާޒުކޮށެވެ. ހުކުރު ދުވަހު މެންދުރުފަހު އިސްރާއީލުން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ކަމަށްވާ ތައިސީރު އަލް ޖަބާރީ ވަނީ ޝަހީދުވެފައެވެ. އަދި ރޭ އިސްރާއީލުން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ އިތުރު ކޮމާންޑަރެއް ކަމަށްވާ ހާލިދު މަންސޫރު ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމުން ޣައްޒާގެ މުޖާހިދުން ވެސް އަންނަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. މިހާތަނަށް ފޮނުވާލި ގިނަ ރޮކެޓްތައް އިސްރާއީލްގެ މިސައިލުން ދިފާއުވާ ނިޒާމުން ވައްޓާލާފައި ވީނަމަވެސް ބައެއް ރޮކެޓްތައް ވަނީ އިސްރާއީލްގެ އިމާރާތްތަކަށް ވެސް އަމާޒުވެފައެވެ.

އިސްރާއީލްގެ އިމާރާތްތަކަށް ރޮކެޓްތައް އަމާޒުވެ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައި ވީނަމަވެސް އެއިން ހަމަލާއެއްގައި އަދި އިސްރާއީލްގެ މީހަކު މަރުވެފައެއް ނުވެއެވެ.

ރޮކެޓް ހަމަލާތައް އަމާޒުވަމުން އަންނާތީ އިސްރާއީލްގެ ވަރަށް ގިނަ ސަރަހައްދުތަކެއްގައި އަންނަނީ ރޮކެޓް ހަމަލާތަކުން ރައްކާތެރިވުމަށް އަންގައި އިންޒާރުގެ ސައިރަން އަޅަމުންނެވެ.