އިންޑޮނޭޝިއާއިން ފުރަތަަ ފަހަރަށް މަކުނު ވިދުރީގެ ވޭދަނައެއް ފެނިއްޖެއެވެ.

އެ ގައުމުން ފުރަތަމަ ފަހަރަށް މަކުނު ވިދުރި ފެނިފައި ވަނީ އެހެން ގައުމަކުން އެ ގައުމަށް އެނބުރި އައި އުމުރުން 27 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިދިޔަ މަހު ވަނީ މި ވައިރަސް ފެތުރުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ކަނޑައަޅާފައެވެ.

އިންޑޮނޭޝިއާގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު މުހަންމަދު ސަހްރިލް ވިދާޅުވީ، އެ މީހާއަކީ އެ ބައްޔާ މެދު ވަރަށް ބޮޑަށް ހޭލުންތެރިވެ، މައުލޫމާތު ހުރި މީހެއް ކަމަށެވެ.

"އެހެންވެ އެ އަލާމާތްތައް ފެނުމާއެކު އޭނާ ވަގުތުން އެކަން ޑޮކްޓަރުންގެ ސަމާލުކަމަށް ގެނައި. ނަތީޖާ އެއް ދުވަސް ތެރޭގައި އައިއިރު، އޭނާ އެ ބައްޔަށް ފައްސިވި". ވެރިރަށް ޖަކާޓާގައި މިހާރު އެ މީހާ އެކަހެރި ކޮށްފައި ހުރި ކަން ފާހަގަކޮށް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސަހްރިލް ވިދާޅުވި އެވެ.

އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ބަލިމީހާ އިންޑޮނޭޝިއާއަށް އައި އެ މީހާގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައި ވަނީ އޭގެ ހަފްތާއެއް ފަހުންނެވެ. އެގޮތުން ހުން އައުމާއި ބޮލުގައި ރިއްސުމުގެ އަލާމާތްތައް އޭނާގެ ކިބައިން ފެންނަން ފެށިއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ވަނީ އެ މީހާ އެނބުރި އައީ ކޮން ގައުމަކުން ކަން ހާމަ ކުރަން ދެކޮޅު ހަދާފައެވެ.

މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ބައެއް ހިސާބުތަކުގައި ފެތުރެން ފެށި މި ބަލީގެގެ އަލާމާތްތަކުގެ ތެރޭގައި، ކެއްސުމާއި، ހުން އައުމާއި، ބުރަކަށީގައި ރިއްސުމާއި، ގައިގައި ރިއްސުން ހިމެނެއެވެ. އެއީ ވަރަށް މަދު ހާލަތްތަކުގައި ނޫނީ ފުރާނައަށް ނުރައްކާނުވާ ބައްޔެއް ކަމަށް ވެއެވެ.

މިހާރު ގިނަ ގައުމުތަކުން އެ ބަލި ފެނިފައިވާ ކަން ފާހަގަކޮށްލެވެއެވެ.