މީގެ ހަތަރު އަހަރު ކުރިން ގެއްލުނު މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ގެއްލިފައި ވަނީ ފްލައިޓް ހައިޖެކް ކޮށްގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އެހާދިސާގެ ތަޙްޤީޤު ރިޕޯޓްގައި ބުނެފިއެވެ.

އެމްއެޗް 370 ގެއްލެން މެދުވެރިވި ސަބަބު ޔަގީންކަމާއި އެކު ރިޕޯޓްގައި ބުނެފައެއް ނުވެއެވެ. ރިޕޯޓްގައި ހުރީ މީގެ ކުރިން ވެސް ތަޖުރިބާކާރުން ދައްކަމުން އައި ވާހަކަތަކެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ކުއަލަލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރުކުރި ފްލައިޓް ޑައިވާޓް ކޮށްފައި ވަނީ މެކޭނިކަލް މައްސަލައެއްގެ ސަބަބުން ނޫންކަމަށާއި "އެއީ ތިން ވަނަ ފަރާތެއްގެ ބާރާއި ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ" ކަމަށެވެ. ނަމަވެސް އެކަން ޔަގީން ކުރެވޭނެ ހެއްކެތް ނެތް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ބޮއިން 777 ފްލައިޓަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ހާދިސާގެ ތަޙްޤީޤު ރިޕޯޓުން ކޮންމެވެސް ސުވާލުތަކެއްގެ ޖަވާބު ލިބޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރި ނަމަވެސް އެއްވެސް ސުވާލެއްގެ ޖަވާބު އެރިޕޯޓުން ލިބިފައެއް ނުވެއެވެ.

އެމްއެޗް 370 ގެއްލުނު ހާދިސާ ތަޙްޤީޤު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކޮކް ސޫ ޗޮން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފްލައިޓްގެ މިސްރާބު ބަދަލުކޮށްފައި ވަނީ މެނުއަލްކޮށް މީހަކު ނުވަތަ ބަޔަކު ވެގެން ކަން ޔަގީން ކުރެވޭ ކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެންނަށް ޔަގީންކަމާއި އެކު ބުނާކަށް ނޭނގޭ ނުރަނގަޅު ނުފޫޒެއް ނުވަތަ ނުރަނގަޅު ބާރެއް ތިން ވަނަ ފަރާތަކުން ފޯރުވައިގެން ފްލައިޓްގެ މިސްރާބު ބަދަލު ކުރީކަމަކަށް. އެއީ ހަމައެކަނި ކުރެވޭ ލަފައެއް." އޭނާ ވިދާޅުވިއެވެ.

ފްލައިޓުން ދަތުުރުކުރި މީހުންގެ އާއިލާތަކުން ވަނީ ރިޕޯޓްގައި އާމައުލޫމާތެއް ނެތުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މެލޭޝިއަން އެއާލައިންގެ ފްލައިޓް ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް މަހު އެވެ. ފްލައިޓް ގެއްލުނު އިރު ފްލައިޓްގައި 239 މީހުން ތިއްބެވެ.

އެމްއެޗް 370 ހޯދަން މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެމްއެޗް 370 ގެއްލުނު ހާދިސާ އަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚްގައި ވެސް ހިނގި އެންމެ ހައިރާން ކުރަނިވި އެއް ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުޑަހުވަދޫމީހާ

    އާނއެކޭ ! އާނއެކޭ! އެ ބޯޓު ހައިޖެކް ކޮށްގެން ގެންގޮސް ފޯޅަވަހީގައި ޖެއްސީ ކަމަށޭ އެވާނީ! އަހަރެމެން ތިޔަބުނާ ބޯޓެއް ހަމަޮލުން ދުށީމުއޭ ފޯޅަވައްސާދިމާއަށް ދަނިކޮށް.
    ފޯޅަވަހީގައި އެ ޕެސެންޖަރުންތައްހައްޔަރުކޮށްގެން ގެންގުޅެނީ ކަމށޭ އެޥާނީ!
    މީ ފިސާރި ތެދެކޭ! މީ މަށް ހަމަ ހީވާ ގޮތޭ! މަޖާ ކުރަން ދައްކާ ވާހަކައެއް ނޫނޭ!

  2. އަބްދުއްލާ

    އެ ބޯޓް ގެންދިޔައީ އެމެރިކާއިން ފޯޅުވައްސަށް ވީމާ ނުފެންނާނެ އެއްނު.

  3. އަބްދުއްލާ

    އެމެރިކާއިން އެބޯޓް ގެންދިޔައީ ފޯޅުވައްސަށް ، އެބޯޓް ގާތިބި ޗައިނާގެ ސައިންސިސްޓުން ވަގަށްނެގީ އެމެރިކާއިން.

  4. ފަޤީރު ކަލޯ!

    ކުޑަހުވަދޫ މަތިން އެދުވަހު އެދިޔައީ އެބޯޓު އެވަނީ ފޯޅަވަހީގައި ކަމަށް އެންމެ ބޮޑަށް ލަފާކުރެވެނީ! އޮސްޓްރޭލިޔާގެ ކުރީގެ ޖެނެރަލަކު ލައްވައި ރަމަން ރަމަން ފޯލި ކުޅުވީ މީސްތަކުންގެ ވިސްނުމުގެ އަމާޒު ނަގައި ލަންވެގެން! އެމީހުން ހިތައްއެރި ދިމާއެއްގެ ކަނޑުތަކުގައި ފުނައި އަޅުވައި ހެއްދުވީ އެބޭނުމުގައި! އެހުރިހައި ކަމެއް ޗައިނާ މެލޭސިޔާ އަށް އެގޭކަމަށް ފެންނަނީ! އޭ