ޔޫރޯއޭޝިއާ ގައުމެއްގެ ގޮތުގައި 1922 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރާއި ހަމައަށް އޮތް ސޯވިއެޓް ޔޫނިއަންގެ ވެރިކަން އެންމެ ފަހުން ކުރެއްވި ރައީސް މިކައީލް ގޯބަޗޯވް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު އުމުރަކީ 91 އަހަރެވެ.

ގޯބަޗޯވް ރަޝިއާގެ ރައީސް ކަން ކުރީ 11 މާޗް 1985 ވަނަ އަހަރުން ފެށިގެން 24 އޮގަސްޓް 1991 އަށެވެ.

ގޯބަޗޯވް އަށް ފަރުވާ ދެމުން ގެންދިޔަ ރަޝިއާގެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ގޯބަޗޯވް މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު ކަމަށެވެ. އޭނާ އަށް ގިނަ ސިއްހީ މައްސަލަތަކެއް ދިމާވި ކަމަށާއި މަރުވީ އެބަލިތަކުގައި ކަމަށް ވެސް ހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް ގޯބަޗޯވް އަށް ދިމާވި ސިއްހީ މައްސަލަތަކުގެ އިތުރު ތަފްސީލެއް ބަޔާނުގައި ދީފައެއް ނުވެއެވެ.

ގޯބަޗޯވް އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަތާ މިހާރު ދެއަހަރެއްހައި ދުވަސް ވެއްޖެއެވެ. އޭނާ ފުރަތަމަ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ކޮވިޑް-19 ފެތުރެން ފެށުމުން ރަނގަޅަށް ޑޮކްޓަރުންނަށް އޭނާގެ ހާލަތު ބެހޭ ގޮތް ހެދުމަށެވެ.

ގޯބަޗޯވް ފާހަގަ ކުރެވުނީ އޭނާގެ މަސައްކަތުން މަޝްހޫރު ފިނި ހަނގުރާމަ ނިންމާލި ލީޑަރުގެ ގޮތުގައެވެ. ނަމަވެސް ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމުގެ އަސްލަކީ ގޯބަޗޯފް އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކާއިއެކު ހެދި "ޑީލެއް ކަމަށް" އޭނާ އާއި ދެކޮޅު ފަރާތްތަކުން ބުނެއެވެ.

1931 ވަނަ އަހަރު ރަޝިއާގެ ދެކުނުގައި އޮންނަ ކުޑަ އަވަހަށް އުފަންވި ގޯބަޗޯވް ސިޔާސީ މަސައްކަތް ފަށައި، އޭރު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ އެއްގައުމުގެ ވެރިކަމަށް އައި ގޮތަކީ މިސާލެއް ފަދަ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

ހުޅަނގު ޖަރުމަނާއި އިރުމަތީ ޖަރުމަން އެއްކޮށްލުމުގައި ވެސް ގޯބަޗޯވްގެ ދައުރު ވަރަށް ބޮޑެވެ. ނާޒީންގެ ވެރިކަމުގައި ބައި ކޮށްލާފައި އޮތް އިރުމަތީ ޖަރުމަން ކޮންޓްރޯލް ކުރަމުން އައީ ސޯވިއެޓުންނެވެ. ބާލިން ވޯލް ތަޅާލައި ދެޖަރުމަން އެއްކޮށްލީ ގޯބަޗޯވް ވެސް އެކަމަށް ބާރުއަޅައިގެންނެވެ. އެހެންވެ ޖަރުމަންވިލާތުން މިއަދު ފެންނަ އެއްބައިވަންތަ ކަމުގެ އަސްލެއްގެ ގޮތުގައި ގިނަ ބަޔަކު ގޯބަޗޯވްގެ ނަން ފާހަގަ ކުރެއެވެ.

ގޯބަޗޯވް ފުރާވަރު އުމުރުގައި ގާނޫނީ ދާއިރާ އިން ތައުލީމް ހާސިލް ކުރަން ފަށައިފިއެވެ. މޮސްކޯގެ ސްޓޭޓް ޔުނިވަސިޓީގައި ތައުލީމް ހާސިލް ކުރަމުން އޭނާ ސިޔާސީ މަސައްކަތް ފަށައިފިއެވެ. ގޯބަޗޯވް ފާހަގަ ކުރެވޭ މީހަކަށް ވެގެން ދިޔައީ ކޮމިއުނިސްޓް ޕާޓީ އޮފް ދަ ސޯވިއެޓް ޔޫނިއަންގެ ސެންޓްރަލް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ ކަމާއި 1985 ވަނަ އަހަރު އޭނާ ހަވާލުވި ހިސާބުންނެވެ.

ގޯބަޗޯވް ވެރިކަމަށް އައުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ އަސްކަރީ ހަރަދުތައް ކުޑަކޮށް، އިޤުތިޞާދީ ފުދުންތެރިކަން އިތުރު ކުރާށެވެ. އެމަސައްކަތުގައި އޭނާ ކާމިޔާބު މަސައްކަތްތަކެއް ވެސް ކުރިއެވެ. އާއްމުންނަށް ވިޔަފާރި ކުރުން ސޯވިއެޓް ޔޫނިއަންގައި މަނާކޮށްފައި އޮތް އޮތުމަށް ވެސް ނިމުން ގެނައީ ގޯބަޗޯޗް އެވެ.

ގޯބަޗޯވް އަކީ އާއްމުންނާއި ވަރަށް ރަހުމަތްތެރި ބޭފުޅެކެވެ. ވެރިކަމުގައި ހުންނެވިއިރު ވެސް އޭނާ މަގުމަތިން އާއްމުންނާއި ބައްދަލުކޮށް ވާހަކަދައްކައި ހަދައެވެ. އެއީ އެދުވަސްވަރާއި ހަމައަށް ދުނިޔޭގެ ގިނަ ގައުމުތަކުން ފެނުނު މަންޒަރެއް ނޫނެވެ.

ސޯވިއެޓް ޔޫނިއަން ގޯބަޗޯވްގެ ވެރިކަމުގައި އުވިގެން ދިއުމާއި ގުޅިގެން އޭނާގެ ގާބިލްކަމާއިމެދު ބައެއް މީހުން ސުވާލު ވެސް އުފައްދައެވެ. މިއަދު ދުނިޔޭގެ ބާރުތައް އެމެރިކާ އާއި ހުޅަނގަށް ލިބިފައިވާ އެއްސަބަބަކީ ސޯވިއެޓް ޔޫނިއަން ބައިބައި ވެގެން ގޮސް މިނިވަން 15 ގައުމު އުފެދުމުން ކަމަށް ގޯބަޗޯވް އަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ގޯބަޗޯވް ވެގެން ދިޔައީ ހުޅަނގުގެ ގައުމުތަކުން "ވަރަށް ލޯބިވި" ވެރިއަކަށެވެ. ނަމަވެސް ސޯވިއެޓް ޔޫނިއަން އެކުގައި ބާއްވަން ބޭނުންވާ މީހުން ހާއްސަކޮށް ރަޝިއާ މީހުންގެ މެދުގައި އޭނާގެ މަގުބޫލުކަން ގެއްލިގެން ދިޔައެވެ. ބައެއް މީހުންގެ ނަޒަރުގައި އޭނާވީ ގައުމަށް ގައްދާރުވި މީހަކަށެވެ.

ވެރިކަމުން ވަކިވުމަށްފަހު ގޯބަޗޯވް ވަނީ އަމިއްލަ ޖަމިއްޔާއެއް އުފައްދައިގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭނާ ވަނީ ދިހަ ފޮތެއް ވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު