އިނގިރޭސިވިލާތުގެ ރާނީ އެލިޒިބަތު (2)ގެ ހާލުކޮޅު ސީރިއަސްވެ އެކަމަނާއަށް ފަރުވާދެމުން އަންނަ އިރު މިވަގުތު ގިނަބަޔަކު ތިބީ ދެންވާނެ ގޮތަކާމެދު ސުވާލު އުފެދިފައެވެ. އެންމެ ދިގުމުއްދަތަކަށް ދެމިގެން ދިޔަ އިނގިރޭސި ރަސްކަމުގެ ލަގަބުވެސް އޮންނަ ރާނީ އެލިޒިބަތުގެ ހާލުކޮޅު ސީރިއަސްކަމަށް ބަކިންހަމް ޕެލަސްއިން ވަނީ އިއުލާނު ކުރައްވާފައެވެ

ރާނީއަށް މިހާރު ފަރުވާދެމުން އަންނަ އިރު އެކަމަނާއަށް ފަރުވާދެމުން އަންނަނީ ކޮން ޑޮކްޓަރެއްގެ ބެލުމުގެ ދަށުންތޯ އެއީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.

2014 ވަނަ އަހަރުން ފެށިގެން ރާނީގެ ސިއްހަތާބެހޭ ހުރިހާ ކަމެއްގައި އުޅުއްވަނީ ޕްރޮފެސަރ ސަރ ހޫ ތޯމަސް އެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭނާ އަށް ވަނީ ޝަރަފްވެރިކަމުގެ ލަގަބެއް އަރުވާއެވެ. އެއީ އޭނާގެ މަސައްކަތާ މެދު ރާނީ ހިތްޕުޅާހަމަވާކަމުގެ އަލިގަދަ ހެއްކެކެވެ.

ރާނީގެ ޑޮކްޓަރ ޕްރޮފެސަރ ސަރ ހޫ ތޯމަސް

"އަހަރެން މި މަގާމުހައި ވަރަށް ބުރަކޮށް އަހަރުތަކެއް ވަންދެއް މަސައްކަތް ކޮށްފިން. މިފަދަ ޝަރަފެއް ލިބުމަކީ މިއީ އަހަރެންގެ ޝުކުރުވެރިވާކަމެއް" ޕްރޮފެސަރ ހޫ ތޯމަސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ސަރ ހޫ އަކީ އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ޑިޕާޓްމަންޓް އޮފް ސާޖަރީ އެންޑް ކެންސަރުގައި ވެސް ގޭސްޓްރޯއިންޓެސްޓިނަލް ޖެނެޓިކްސްގެ ޕްރޮފެސަރެކެވެ. ޝާހީ އާއިލާގެ ބައެއް ޒުވާން މެމްބަރުން ވިއްސުމުގައިވެސް އޭނާ ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ.