އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު މަރުވި ހަނދާން އެމެރިކާ ރައީސް ޖޯ ބައިޑެންގެ ހަނދާނުގައި ނެތީތޯ ގިނަ ބަޔަކު ސުވާލު ކުރަން ފަށައިފިއެވެ. މިސުވާލު ކުރަން ފަށާފައި ވަނީ ބަޑި ކޮންޓްރޯޯލް ކުރުމާއި ގުޅޭ ގޮތުން ބައިޑެން ދިން ތަގުރީރެއް ނިންމާލަމުން "މާތް ރަސްކަލާންގެ ރާނީ ސަލާމަތް ކުރައްވާށި." އޭ ވިދާޅުވުމުންނެވެ. އެއީ ރާނީ އެލިޒަބަތުގެ ރަސްކަމުގެ ދުވަސްވަރު އިނގިރޭސިވިލާތުގެ ގައުމީ ސަލާމުގައި ހިމެނޭ އިބާރާތެކެވެ. ނަމަވެސް ރަސްކަމަށް ޗާލްސް އިސްވިފަހުން އެއިބާރާތް ވަނީ ރާނީ އޮތްތަނުގައި ރަސްގެފާން އޮންނަ ގޮތައް ބަދަލު ކޮށްފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ރާނީ އެލިޒަބަތު މަރުވުމުން އެކަމަނާގެ ޖަނާޒާގައި ވެސް ބައިޑެން ބައިވެރިވިއެވެ.

ބަޑި ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން ބައިޑެން ދިން ތަގުރީރެއް ނިންމާލަމުން ރާނީގެ ވާހަކަ ގެނައީ ކީއްވެތޯ ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. 30 ވަރަކަށް މިނެޓަށް ދިގު ދެމިގެން ދިޔަ ބައިޑެންގެ ތަގުރާރު ވަރަށް ރަނގަޅަށް ދިޔަ ނަމަވެސް ތަގުރާރު ނިންމާލަމުން ބައިޑެން ރާނީ އާއި ގުޅުގައި ވާހަކަދެއްކި މަގުސަދެއް ނޭނގޭ ކަމަށް މީޑިއާތަކުން ވެސް ބުނެއެވެ.

ވައިޓްހައުސްގެ ތަރުޖަމާން ބުނީ ބައިޑެން މުހާތަބު ކުރީ ބައިޑެންގެ ތަގުރާރު އަޑުއަހަން ތިބި މީހުންގެ ތެރެއިން މީހަކާއި ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއެވެެ.

އުމުރުން 80 އަހަރުގެ ބައިޑެންގެ ބައެއް ތަގުރާރުތަކާއި، ބައްދަލުވުންތަކުގައި ދައްކާ ވާހަކަތަކުގައި ހުންނަ ހަމަނުޖެހޭ ކަންކަން ވަރަށް ގިނައިން ފާހަގަ ކުރެވެއެވެ. މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ބައިޑެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރާއި ބައްދަލުކޮށް އިނގިރޭސިވިލާތުގެ ރައީސް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ވެސް މީޑިއާގެ ސަމާލުކަމަށް އައިސްފައި ވެއެވެ.

އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ބައިޑެން އިއުލާން ކޮށްފައި ވާއިރު ބައިޑެން އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުމުރުން ދޮށިވެ، ރައީސްގެ ޒިންމާ އަދާކުރެވޭ ވަރަށްވުރެެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ ކުރިމަތިވެފައިވާ ފާޑުކިޔުންތަކެވެ.

ބައިޑެންގެ ވާދަވެރި ސިޔާސީ ފަރާތްތަކުން ވެސް ބުނާ ގޮތުގައި ރައީސްގެ ޒިންމާތައް ފުރިހަމައަށް އަދާކުރެވޭވަރަށްވުރެ ބައިޑެން މިހާރު މުސްކުޅިވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މުސްކުޅި އުމުރުގަ ހަނދާންނެތުން އެއީ ދިމާވެދާނެ ކަމެއް.

  2. ޏ އައިކު

    ކޮން ތަގުރާރެއް؟ ތަންކޮޅެއް ބޮދުވަރު