އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ސަންދޯއް ދެކިލަން ވެސްޓްމިސްޓަރ ހޯލަށް ވަނުމަށްޓަކައި ކިއު ހަދައިގެން ތިބި މީހުންގެ ތެރެއިން ދެއަންހެނަކަށް މީހަކު ޖިންސީ ގޯނާ ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ރާނީއަށް އެންމެ ފަހުގެ އިހްތިރާމު އަދާކުރުމަށް ކުރިއަށް ގެންދާ ހަރަކާތުގައި ބައިވެރިވުމަށް ކިއު ހަދަައިގެން ތިބި މީހުންގެ ތެރެއިން ދެއަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މިހާރު ވަނީ ޒުވާނަކު ހައްޔަރު ކޮށްފައެވެ. އެމައްސަލައިގައި ހައްޔަރު ކުރީ އުމުރުން 19 އަހަރުގެ ޒުވާނެއް ކަމަށްވާ އެޑިއޯ އެޑެޝައިން އެވެ.

މިމައްސަލައިގައި ހައްޔަރު ކުރި ޒުވާނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ. އޭނާގެ މައްޗަށް މިހާރު ވަނީ ޖިންސީ ގޯނާ ކުރުމުގެ ދެދައުވާއަކާއި ޖިންސީ ނިޔަތެއް އޮވެ މީހެއްގެ ގައިގަ އަތް ލުމުގެ ދެދައުވާއެއް އުފުލާފައެވެ.

މިމައްސަލައިގައި ހައްޔަރު ކުރި ޒުވާނާ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާ އަކީ ވެސް ރާނީގެ ސަންދޯއް ދެކިލުމަށް ކިއުގައި ހުރި ޒުވާނެކެވެ. އެއްވެސް އަންހެނަކަށް ޖިންސީ ގޯނާ ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

ނަމަވެސް އަނިޔާ ލިބުނު އެއް އަންހެނަކު ބުނި ގޮތުގައި އޭނާގެ ފަހަތުގައި ޒުވާނާ ހުއްޓިގެން ހުރެ އޭނާގެ ހަށިގަނޑުގައި ޖެހޭ ގޮތައް އަމަލުތައް ބެހެއްޓިއެވެ. އަދި އެ ޒުވާނާ އަންހެން މީހާ ކައިރީ ހުރެ ބަރަހަނާވި ކަމަށް ވެސް އެއަންހެން މީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން އެޒުވާނާ ހައްޔަރު ކުރީ އޭނާ ހައްޔަރު ކުރަން ފުލުހުން އަންނަން ފެށުމުން އެސަރަހައްދުގައި އޮތް ކޯރަކަށް ފުއްމާލައިގެން ފިލަން މަސައްކަތް ކުރަމުން ދަނިކޮށެވެ.