އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު، ރިޝީ ސުނަކް ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ފަހަރަށް ޔޫކްރެއިންގެ، ކިއޭވް އަށް ވަޑައިގަންނަވައިފިއެެވެ.

ބޮޑުވަޒީރު ސުނަކް ކިއޭވްއަށް ވަޑައިގެންނެވުމަށްފަހު، ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ވަނީ ބައްދަލު ކުރައްވާފައެވެ. ބޮޑުވަޒީރު މިއަދު މެންދުރުފަހު ކުރެއްވި ކުއްލި ދަތުރުފުޅެއް ކިއޭވްއަށް ކުރެއްވިއިރު، މިއީ އޭނާ ޔޫކްރެއިންގެ ރައީސްއާ ގާތުން ބައްދަލުވި ފުރަތަމަ ފަހަރެވެ.

ރައީސް ޒެލެންސްކީއާ ބައްދަލު ކުރައްވާ ވީޑިއޯއެއް އާއްމު ކުރައްވަމުން އިނގިރޭސި ބަހާއި ޔޫކްރެއިން ބަހުން ލިޔުއްވަމުން ސުނަކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިނިވަންކަމަށް ޓަކައި ހަނގުރާމަ ކުރުމުގެ މާނަ އިނގިރޭސިވިލާތަށް އެނގޭ ކަމަށެވެ.

އަދި ޒެލެންސްކީ ޓެގް ކުރައްވާ ވަނީ، ތިއްބެވީ އެ ގައުމުގެ ރައްޔިތުންނާއި އެކުގައި ކަމަށް ވިދާޅުވިއެވެ.

އަދި ރައީސް ޒެލެންސްކީވެސް ވަނީ ދެ ބޭފުޅުން އެކުގައި ބައްދަލު ކުަރައްވާ ވީޑިއޯއެއް ހިއްސާ ކުރައްވާފައެވެ.

"މިއަދުގެ ބައްދަލުވުމުގައި އަޅުގަނޑުމެން މަޝްވަރާ ކުރީ ގައުމުތަކަށާއި ދުނިޔޭގެ ސަލާމަތަށް ވެސް އެންމެ މުހިންމު ކަންކަމާ ބެހޭ ގޮތުން،" ޓެލެގްރާމްގައި ޒެލެންސްކީ ލިޔުއްވިއެވެ.

އޭނާ ވިދާޅުވީ، ހަނގުރާމައިގެ ފުރަތަމަ ދުވަހުން ފެށިގެން ޔޫކްރެއިން އާއި އިނގިރޭސިވިލާތަކީ އެންމެ ވަރުގަދަ އެކުވެރިން ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އެކުގައި މިތިބީ ވަރުގަދަކޮށް، އެދެވޭ ނަތީޖާއެއް ހާސިލްކުރާނަން". އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ސުނަކް ޔޫކްރެއިނަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ސިފައިންނެވެ.

އިނގިރޭސިވިލާތާއި ރަޝިޔާއާ ގާތް ގުޅުމެއް ބައްވާއިރު، ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ހަނގުރާމައިގެ ދުވަސްވަރުގައި އެތައް ފަހަރެއްގެ މަތިން ޔޫކްރެއިންނަށް ވަޑައިގެންނެވިއެވެ.

ނަމަވެސް ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސް ވެރިކަމުގެ 44 ދުވަހުގެ ތެރޭގައި ޔޫކްރެއިނަށް ދަތުރެއް ކުރައްވާފައެއް ނުވެއެވެ.

ބޮޑުވަޒީރު ސުނާކް ވަނީ އިނގިރޭސިވިލާތާއި ޔޫކްރެއިންއާ ދެމެދު އޮތް ގާތް ގުޅުން އޭނާގެ ޒައާމަތުގައި ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ.