އިނގިރޭސި ބޮޑުވަޒީރު ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ ޑައުނިން ސްޓްރީޓްގެ ގޭޓެއްގައި ކާރެއް ޖައްސައިފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ޑައުނިން ސްޓްރީޓްގެ ގޭޓްގައި ޖެއްސީ ގަސްދުގައި ކަމަށް ބެލެވެއެވެ. ކާރު ދުއްވަން އިން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

ކާރު ގޭޓްގައި ޖައްސައި ހިންގި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

މިހާދިސާ ހިނގިއިރު ބޮޑުވަޒީރު ރިޝީ ސުނަކު ޑައުނިން ސްޓްރީޓްގައި ހުންނެވިކަމެއް ނުވަތަ ނޫންކަމެއް އަދި ބޮޑުވަޒީރުގެ އޮފީހުން ކަށަވަރު ކޮށެއް ނުދެއެވެ.

ކާރު ގޭޓްގައި ޖެއްސިއިރު އެމަންޒަރު ފެނުނު އާއްމުންގެ މީހަކު ސްކައި ނިއުސް އަށް މައުލޫމާތު ދެމުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރު ޑައުނިން ސްޓްރީޓްގެ ގޭޓްގައި ޖެއްސުމާއިއެކު ހަތިޔާރު އެޅި ފުލުހުން ވަރަށް އަވަހަށް ހަރަކާތްތެރިވި މަންޒަރު ފެނުނު ކަމަށެވެ. "ހަތިޔާރު އެޅި ފުލުހުންގެ ހަރަކާތްތައް ވަރަށް އަވަސް. ފުލުހުން ވަނީ ކާރު ދުއްވަން އިން މީހާ ވަގުތުން ކާރުން ފޭބުމަށް އަންގާފައި. އޭނާ ކާރުން ފޭބުމާއިއެކު ބިޑި އެޅުވި މަންޒަރު ފެނުނު." އޭނާ ބުންޏެވެ.

ޑައުނިން ސްޓްރީޓްގެ ގޭޓްގައި ޖެއްސި ކާރު ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ކާރުން ނެގި ކޮންމެވެސް އެއްޗެއްގައި ހުދުކުލައިގެ ފޮތިގަނޑެއް އޮޅާލައިގެން ގެންދިޔަ މަންޒަރު ފެނުނު ކަމަށް ނޫސްވެރިން ބުނެއެވެ.

ލަންޑަންގެ ފުލުހުން ބުނީ އެކްސިޑެންޓް ތަހްގީގު ކުރަމުންދާ ކަމަށެވެ. ތަހްގީގުގައި ކައުންޓަރ ޓެރަރިޒަމްގެ ފުލުހުން ބައިވެރި ނުވާކަމަށް ސްކައި ނިއުސް އިން ބުނެއެވެ. އެހެންކަމުން މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އަދި މިހާތަނަށް ނުބެލެވޭ ކަމަށް ވެސް ސްކައި ނިއުސް އިން ބުނެއެވެ.

މިހާދިސާ އާއި ގުޅިގެން ޑައުނިން ސްޓްރީޓް ހުންނަ ސަރަހައްދު އާއްމު ދަތުރުފަތުރަށް ބަންދު ކުރި ނަމަވެސް މިހާރު ވަނީ މަގު ހުޅުވާފައެވެ.