ބީބީސީގެ ޒަމާންވީ ފުޓްބޯޅަ ހައިލައިޓްސް ޝޯގެ ޕްރެޒެންޓަރު، އަދި އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ގެރީ ލިނެކަރ ވަގުތީ ގޮތުން ޝޯ އިން ސަސްޕެންޑް ކުރުމުން، ގިނަ ކޮމެންޓޭޓަރުންތަކެއް ހޮނިހިރު ދުވަހުގެ ރޭގެ ޝޯ ބޯއިކޮޓް ކޮށްފިއެވެ.

1960 ގެ އަހަރުތަކުން ފެށިގެން ކުރިއަށް ގެންދަމުން އަންނަ "މެޗް އޮފް ދަ ޑޭ، (އެމްއޯޓީޑީ)" ޝޯ އިން ލިނެކަރ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވަނީ، ހިމާޔަތް ހޯދުމަށް ހިޖުރަކުރާ މީހުންނާ ދޭތެރޭ އަމަލު ކުރުމަށް އިނގިރޭސި ވިލާތުން ކަނޑައަޅާފައިވާ އާ ސިޔާސަތަށް ފާޑުކިޔުމުންނެވެ.

1999 ވަނަ އަހަރުން ފެށިގެން އެ ޝޯ ހޯސްޓު ކުރަމުން އައި ލިނެކަރ މިދިޔަ ހަފްތާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހިމާޔަތް ހޯދަން އަންނަ މީހުންނާއި މުހާތަބުކުރުމަށް އިނގިރޭސި ސަރުކާރުގެ މެމްބަރުން ބޭނުންކުރާ ބަހުރުވައަކީ ނާޒީ ޖަރުމަނުން ވެސް ބޭނުންކުރި ފަދަ ބަހުރުވައެއް ކަމަށެވެ.

އިއްޔެ ބީބީސީ އިން ބުނެފައިވަނީ އޭނާ ސަސްޕެންޑް ކޮށްފައިވަނީ އޭނާ އާއި ވާހަކަ ދެއްކުމަށް ފަހުގައި ކަމަށެވެ. އަދި އޭނާ ޝޯ އިން ސަސްޕެންޑް ކުރަން ނިންމާފައިވަނީ މީސްމީޑިއާ ބޭނުންކުރާ ގޮތާއި މެދު ލިނެކަރ އާއި އެކު އެއްބަސްވުމަކަށް އާދެވެންދެން ކަމަށް ވެސް ބީބީސީން ވަނީ ބުނެފައެވެ.

ލިނެކަރ ގެ ޕޯސްޓްގައި ބުނެފައިވަނީ ހިމާޔަތް ހޯދަން އަންނަ މީހުން އެހެން ގައުމުތަކަށް ޑީޕޯޓް ކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެންމެ ހާލުގައި ޖެހިފައިވާ މީހުންނާ ދެކޮޅަށް ހިންގޭ އަނިޔާވެރި އަމަލެއް ކަމަށެވެ. އަދި އިނގިރޭސި ވިލާތަށް ހިމާޔަތް ހޯދަން މާ ގިނަ ބަޔަކު ނާންނަ ކަމަށާއި، އިނގިރޭސި ވިލާތުން ހިމާޔަތް ދެނީ ޔޫރަޕުގެ އެހެން ގައުމުތަކަށް ވުރެ މާ މަދު އަދަދެއްގެ ރެފިއުޖީންނަށް ކަމަށްވެސް ލިނެކަރ ބުނެފައި ވެއެވެ.

ބީބީސީ އިން ބުނެފައިވަނީ ލިނެކަރ ގެ މީސްމީޑިއާ ޕޯސްޓަކީ އެ ކުންފުނީގެ ގަވާއިދުތަކާއި ހިލާފަށް ކޮށްފައިވާ ޕޯސްޓެއް ކަމަށެވެ.

ލިނެކަރ ޝޯ އިން ސަސްޕެންޑް ކުރުމުން، ޝޯ ގައި ބައިވެރިވާ ގިނަ ކޮމެންޓޭޓަރުންތަކެއް ވަނީ ޕްރިމިއަރ ލީގް ހައިލައިޓްސް ދައްކާ ހޮނިހިރު ދުވަހުގެ ރޭ ގެ ޝޯ ގައި ބައިވެރި ނުވާނެ ކަމަށް ބުނެ، ޝޯ ބޯއިކޮޓް ކޮށްފައެވެ.

އެގޮތުން ޝޯ ގައި ބައިވެރިވާ އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ އެލެން ޝިއަރަރ އަދި އިއާން ރައިޓް ވެސް ވަނީ މި ހަފްތާ ބަންދުގެ ޝޯގައި ބައިވެރި ނުވާނެކަން ހާމަކޮށްފައެވެ.

އޭގެ އިތުރުން ވެސް ލިނެކަރ އާއި އެކު މަސައްކަތް ކުރާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ އެލެކްސް ސްކޮޓް، ޖާމެއިން ޖެނަސް، މީކާ ރިޗާޑްސް ފަދަ ބައެއް ފަރާތްތަކުންވެސް ވަނީ ލިނެކަރ އާއި މެދު ބީބީސީ އިން ކަންތައް ކުރި ގޮތުން ޝޯ ގައި މަސައްކަތް ނުކުރާނެ ކަމަށް ބުނެފައެވެ

ޝޯގެ އިތުރު ކޮމެންޓޭޓަރުން ކަމަށްވާ ސްޓީވް ވިލްސަން، ކޮނަރ މެކްނަމަރާ، ރޮބީން ކޮވެން އަދި ސްޓީވަން ޔެތް ވެސް ވަނި ހޮނިހިރު ދުވަހުގެ ޝޯ ގައި ބައިވެރިވުމަކީ މާ ރަނގަޅު ގޮތެއް ކަމުގައި ނުދެކޭ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ މެޗުތަކުގައި ބޭނުންކޮށްފައިވާ އެހެނިހެން ކޮމެންޓްރީ ޝޯގައި ބޭނުންކުރެވިދާނެ ކަމަށާއި، އޭރުން ފުޓްބޯޅަ ފޭނުންނަށް މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށެވެ.

ލިނެކަރ އާއި އެކުގައި ތިބިކަން ހާމަކުރުމަށް، މެޗަށްފަހު އިންޓަވިއު ދޭން ބޭނުންނުވާ ކަމަށް، ބައެއް ކުޅުންތެރިން ވެސް ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން އަށް އަންގާފައިވާ ކަމަށްވެސް ބީބީސީ ސްޕޯޓްސް އިން ބުނެފައިވެއެވެ.

62 އަހަރުގެ ލިނެކަރ އަކީ ބީބީސީ އާއި އެހެނިހެން މީޑިއާތަކުގެ ގެ ކުޅިވަރު ޝޯ ތަކުގެ ޕްރެޒެންޓަރަކަށް ވުމުގެ ކުރިންވެސް އިނގިރޭސި ވިލާތުގައި މަޝްހޫރު ނަމެކެވެ. އެގޮތުން އޭނާ އަކީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ، އަދި އޭނާގެ ބައިނަލް އަގުވާމީ ކެރިއަރު ނިންމާލާފައިވަނީ އިންގްލެންޑްގެ ޖޯޒީގައި 80 މެޗު ކުޅެ، 48 ގޯލު ޖަހައިދިނުމަށް ފަހުގައެވެ.

ލިނެކަރ ވަނީ ބާސެލޯނާ، ޓޮޓެންހަމް، އެވަޓަން، އަދި ލެއިސެސްޓަރ އަށްވެސް ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އިންސާނީ ހައްޤުތަކޭ ކިޔައިގެން ފޮނިއަނގަތަޅާ އިގިރޭސިންނަކީ އިންސާނީ ހައްޤު އެއީ ކޮން އެއްޗެއްކަން ދަންނަ ބައެއްވެސް ނޫން