އިނގިރޭސިވިލާތުގެ ރަސްގެފާން ޗާލްސް އަށް ރަސްމީކޮށް ރަސްކަމުގެ ތާޖު ވެޑުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި ޗާލްސްގެ އަނބިކަނބަލުން ކަމިއްލާގެ އިސްތަށިފުޅުގައި ވަނީ ރާނީގެ ތާޖު ވެސް ވަޑުވާފައެވެ.

އިނގިރޭސިވިލާތުގެ އާރާއި ބާރުގެ ސަބަބުން އަދިވެސް ދުނިޔޭގައި އެންމެ "އިހްތިރާމް ލިބިގެންވާ" އެންމެ ބާރުގަދަ ރަސްކަމެއްގެ ގޮތުގައި އޮތީ އިނގިރޭސިވިލާތުގެ ރަސްކަމެވެ. ރަސްގެފާން ނުވަތަ ރާނީ އަވަހާރަވުމުން ނޫނީ ތަހުތައް ބަދަލެއް ނާންނަ އިނގިރޭސިވިލާތުގެ ތަހުތަށް ޗާލްސް އިސްކުރި މަންޒަރު މިފެނުނީ އެންމެ ފަހުން ރަސްކަމުގައި އިންނެވި ރާނީ އެލިޒަބަތު ރަސްކަމަށް އިސްވިތާ 71 އަހަރު ފަހުންނެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ ރަސްކަން ބަދަލުވާ މަންޒަރު ފެނުން މިއީ ޖީލަކަށް އެއްފަހަރު ކުރެވޭ ތަޖުރިބާއެއްގެ ގޮތުގައި އޮންނަނީ ލިޔެވިފައެވެ.

ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު ވެޑުވުމަށް މުޅި އިނގިރޭސިވިލާތް އޮތީ ތައްޔާރުވެފައެވެ. އަދި އިނގިރޭސިވިލާތުގެ އަޅުވެތިކަމުގެ ރަމްޒެއްގެ ގޮތުގައި އޮތް ކޮމަންވެލްތުގެ 53 ގައުމުގެ ވެރިންނާއި އެގައުމުތަކުގެ ސިފައިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

އިނގިރޭސިވިލާތުގެ ރަސްކަމަށް ބޭފުޅުން އިސް ކުރުމަށް ބާއްވާ ހަފްލާއަކީ 300 އަހަރަށްވުރެ ގިނަ ދުވަސްވީ އާދަކާދަތަކެއްގެ މައްޗަށް ހުށަހެޅިގެންދާ ހަފްލާއެކެވެ. މިއަދުގެ ރަސްމިއްޔާތު ވެސް ކުރިއަށް ދިޔައީ މީގެ ކުރިން ވެސް މިފަދަ ރަސްމިއްޔާތުތައް ކުރިއަށްދާ ގޮތައް އާދަކާދައާއި އެއްގޮތަށެވެ.

ރަސްމިއްޔާތުގައި އޮތީ ދުއާތައް ކުރުމާއި، އަޅުކަންތައް ކުރުމެވެ.

ޗާލްސް ރަސްކަމަށް ރަސްމީކޮށް އިސްވުމުގެ ހަފްލާ ބޭއްވިއިރު އިނގިރޭސިވިލާތުގެ ރަސްކަމާއި ދެކޮޅަށް އަޑުއުފުލާ މީހުންގެ އަޑު ވަނީ ގަދަވެފައެވެ. އިނގިރޭސިވިލާތުގެ އާއްމު ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ރަސްކަމަށް، އަދި ޝާހީ އާއިލާއަށް ކުރާ ބޮޑެތި ބޭކާރު ޚަރަދުތަކާއި ދެކޮޅަށް މުޒާހަރާ ކުރި ގިނަ ބަޔަކު މިއަދު އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުން ވަނީ ހައްޔަރު ކޮށްފައެވެ.

ޗާލްސް ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި އެކު ވަނީ އިނގިރޭސިވިލާތުން "ފޭރިގެންފައިވާ" އެހެން ގައުމުތަކުގެ މުދާތައް އަނބުރާ ރައްދުކޮށްދިނުމުގެ އަޑު ވެސް ގަދަވެފައެވެ. އިނގިރޭސިވިލާތުން ގައުމުތައް އިސްތިއުމާރު ކޮށްގެން ތިބި ދުވަސްވަރު އެގައުމުތަކުން ފޭރިގަތް އެތައް މުދަލަކާއި ގަހަނާއަކީ މިހާރު ވެސް އިނގިރޭސިވިލާތުގެ މުއްސަނދި ކަމުގެ އަސްލެވެ. އިނގިރޭސިވިލާތުން ފޭރިގެންފައިވާ މުދާތައް އަނބުރާ ރައްދު ކުރުމަށް ދެކުނު އެފްރިކާ ސަރުކާރުން ވަނީ މިހަފްތާގައި ވެސް ގޮވާލާފައެވެ.

ޗާލްސް އިނގިރޭސިވިލާތުގެ ރަސްކަމަށް އިސްވީ އޭނާގެ މަންމަ ރާނީ އެލިޒަބަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އަވަހާރަވުމުންނެވެ. މިއަދުން ފެށިގެން ޗާލްސް އަކީ އިނގިރޭސިވިލާތުގެ އިތުރުން 14 ގައުމެއްގެ ރަސްގެފާނެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ވެސް އަދި އެހެން ގައުމުތަކުގައި ވެސް ރަސްގެފާނަކީ ރަމްޒީ މަގާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގަމާރުންނޭ

    އިނގިރޭސިވިލާތުގެ ރަސްގެފާނު ތަޚްތަށް ވޮޑުނަސް ނުވޮޑުނަސް އެއީ މަމެންނާއި ބެހޭ ކަމެއް ނޫނޭ އެމެން ދިން ވޯޓެއް ވެސް ނޯންނާނެއޭ ރައީސް އިބޫ ވެރިކަމަށް ގެންނާން ދިވެހިރައްޔިތުން ބަނޑަށްޖެހި މަރުވަނީއޭ ކޮތަޅު ޓެކްސް ނަގާ ނަގާ ނަގާ ނަގާ ރައްޔިތުން ރޯނާ ގަންނުވާލައިފިއޭ އެކަން ހައްލު ކުރަން މިސަރުކާރުން އެއް ކަމެއް ވެސް ނުކުރެއޭ މިހާރު ހުރި ތިމާވެށި މިނިސްޓަރަކީ އެއީ ސައެންސް ކިޔަވައިގެން ހުރި މީހެއް ނޫނޭ ފޫޅުންނޭ ވިސްނަނީ ސިކުނޑި އޮންނާނީ ބާއްވާފައޭ އުނގުންނޭ ތިމާވެށި މިނިސްޓަރު ވިސްނަނީ...

  2. ރެފްރީ

    ހައުމުތައްލޫޓުވައިގެންހޯދާފައިވާ ޖަވާހިރުތަކުން ޒީނަތްތެރިކޮށްފައިވާ ވައްކަމުގެ ތާޖު އެއޮތީއަޅުވާ ވަޑުވާފަ. އިންސާފުގެކަންފުޅެއްވެސްނެތި ހަމައެއްލަމައެއްނެތި ގައުމުތަކަށްއަޅުވެތިކޮށް ވައްކަންކުރިބަޔަކަށް ބުނެވޭނީ ސޮރީއޭ!!!

    21
  3. ނުކުރެވޭނެއޭ

    ތިހާ ބޮޑު ޚަރަދު ތިގޮތަށް ނުކުރެވޭނެއޭ ބަލަހަ ހިޔާ ފްލެޓްްސް ތަކުގައި އުޅޭ 80 ހާސް ރައްޔިތުން އެރޮނީ ކުލި ކުޑަނުކޮށްގެން ދެން ކޮތަޅު ޓެކްސް ނަގާތީވެ ރައްޔިތުން ރޯނާވަނީއޭ ރައްޔިތުން ހޯބޯ ގޮވަމުންދާއިރު ވެސް ހާކިމާ ދުވަނީ ބަކިންގް ހަމް ޕެލަސް އަށް ސިފައިން އެއްކޮށްގެން ސެލްފީ ނެގުމުގެ ކަންކަމުގައި ޚަރަދު ކުރަނީ ދައުލަތުގެ ޚަޒާނާއިން އެއީ މާލެ ސަަރަހައްދުގައި ތިބި ވިޔާފާރިވެރިން ދައްކާ ޓެކްސް އެފައިސާ ހިތު ހުރި ގޮތަކަށް ތަޅާ ބުރުއްސާ ނުލެވޭނެއޭ އެކަން އެގޮތަށް

  4. ތެޔޮ

    މި ގްރޫޕްތަށް ބާރުގަ ތިބިހާދުވަހަކު، އިސްލާމްދީން ކުރިއެރިޔަކަ ނުދޭނެ. ދުނިޔޭގެ ހަލާކު، އިނގިރޭސިން، އެމެރިކާ، ޔޫއެން.

    4
    1
  5. ބޯކިބާ

    ތިކަންކަން ބަލާބަޔަކު ތިބެނީތަ އަދިވެސް، މިގޭ ފުރާޅު ޓިނު ބަދަލުކުރަނީވެސް ޖީލަކު އެއްފަހަރު، ބަޔަކު އުޅޭތަ އެކަމާ.

  6. ސޫމްބާ2323

    ހެހެ.. އޭނާގެ މަރު އޮތީ ކޮން އިރަކުކަން އެނގޭނަމަ ދޯ ޖީލެއްގަ އެއްފަހަރޭ ކިޔޭނީ ލޮލް

  7. އަޒީޒް

    އިނގިރޭސީންގެ ރަސްކަމާއި ވެރިކަން ހަލާކުކުރައްވައި މިމީހުން ދުނިޔޭގައި ފަތުރާ ފިތުނައަށް ނިމުމެއްގެނެސް ނައްތަވާލައްވާނދޭ.

  8. ޝަފީ

    މާދެން ތާޖު އަޅާހިތްވާ ބަޔެއް. ސައުދީގެ ރަސްކަން ބޮޑުވެފަ މުއްސަނދިއިރުވެސް ތާޖުއަޅާ ތަނެއް ނުދެކެން.

  9. ގުދުގުދާބެއްޔާ

    ކާފަރު ފާދިރީން ތާޖް އަޅުވައިދިނީ! ހަމަ ތިޔަގޮތައް މަޚްސަރުގެ މައިދާނުގަވެސް ތިޔަ ތާޖް އެޅޭނެތަ؟ އަލިފާނުގެ ތާޖް ޖެހޭނީ އަޅަން!