އިންޑިއާ އާއި ޗައިނާ އަކީ ތަފާތު ސިޔާސަތުތަކެއް ގެންގުޅޭ ދެގައުމަށް ވީނަމަވެސް ދެ ގައުމުގެ މެދުގައި ކުރެވެމުންދާ އިގްތިސާދީ މުއާމަލާތްތަށް އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ޗައިނާ އަކީ އިންޑިއާގައި އެންމެ ހަލުވި ކަމާއިއެކު އިންވެސްޓް ކުރަމުންދާ އެއްގައުމެވެ. 2017 ވަނަ އަހަރު އިންޑިއާގައި ޗައިނާއިން އިންވެސްޓްކޮށްފައިވާ އަދަދު ވަނީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު 3 ގުނަ އިތުރުވެފައެވެ. އަދި 2016 ވަނަ އަހަރު ޗައިނާއިން އިންޑިއާގައި 700 މިލިއަން ޑޮލަރު ހޭދަކޮށްފައިވާކަމަށް ލަފާކުރެވޭ އިރު 2017 ވަނަ އަހަރު 2 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ލަފާކުރެވެއެވެ.

ޗައިނާ އަކީ އިންޑިއާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. އަދި ހަމަ އެހެންމެ އިންޑިއާ އަކީ ދެކުނު އޭޝިއާ ސަރަހައްދުން ޗައިނާގެ ކުންފުނިތަކަށް ޕްރޮޖެކްޓްތަށް ދޭ އެންމެ ބޮޑު މާކެޓެވެ. ޑޮކްލާމް ސަރަހައްދުގެ މައްސަލާގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި އެކުވެސް އިންޑިއާ ޗައިނާގެ ވިޔަފާރީގެ ގުޅުން 2017 ވަނަ އަހަރު ވަނީ 2016 ވަނަ އަހަރަށްވުރެން %18.63 ކުރިއަރާފައިއެވެ. ދެގައުމުގެ ދެމެދުގައި 71.18 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް 2016 ވަނަ އަހަރު ކުރެވިފައިވާއިރު 2017 ވަނަ 84.44 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެވިފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ދެ ގައުމުގެ ދެމެދުގައި ކުރެވިފައިވާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު ވަނީ 22.1 ބިލިއަން ޑޮލަރަށް އަރާފައިއެވެ. ހަމައެއާއެކު ދެ ގައުމުގެ ދެމެދުގައި ވަނީ 2.38 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއި ކުރެވިފައެވެ. ދެގައުމުންވެސް ދެކޭ ގޮތުގައި ދެގައުމުގެ މެދުގައި ހަމަޖެހުން ގާއިމުކުރެވިފައި އޮތުމަކީ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެކެވެ. އިންޑިއާއިން އައިސީޓީ ދާއިރާއާއި، ސޮފްޓްވެއަރ އަދި ބޭސްވެރިކަމުގެ ރޮނގުން ހޯދާފައިވާ ކުރިއެރުމާއި ޗައިނާއިން އުފެއްދުންތެރިކަމުގެ ރޮނގުންނާއި އިމާރާތްކުރުމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުމުގެ ސަބަބުން ދެ ގައުމު ވެފައިވަނީ ވިޔަފާރީގައި އެއްގައުމު އަނެއް ގައުމަށް މުހިންމު ބައިވެރިންނަށް ވެފައެވެ.

ޗައިނާގެ އިގްތިސާދަކީ އިންޑިއާ އާއި އަޅާބަލާއިރު 5 ގުނަ ބޮޑު އިގްތިސާދެކެވެ. ޗައިނާގެ ތަރައްގީ މަޑުޖެހުމުގެ ސަބަބުން ގައުމަށް ބޭނުންވާވަރަށް ވުރެ އިތުރަށް ދަގަނޑު، ސިމެންތި އަދި ތަފާތު މެޝިންތަށް އެގައުމަށް ވަނީ އުފެއްދިފައިއެވެ. މިތަކެތި ވިއްކާލުމަށް ޗައިނާގެ ކުންފުނިތަކަށް އޮތް އެންމެ ބޮޑު މާކެޓަކީ އިންޑިއާއެވެ. އެގޮތުން އިންޑިއާގެ ހީނަރުވަމުންދާ ސިނާއަތްތަށް ކުރިއެރުވުމަށް އެގައުމުންވަނީ ޗައިނާގެ ކުންފުނިތަކާއިއެކު މަސައްކަތް ކުރަން ފަށާފައިއެވެ. އެގޮތުން މިދިޔަ އަހަރު ޗައިނާގެ ކުންފުނިތަކުން ވަނީ 14.8 ބިލިއަން ޑޮލަރު އިންޑިއާގައި އިންވެސްޓް ކުރުމަށް ނިންމާފައިއެވެ. 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީޖިންޕިން ވަނީ އިންޑިއާގައި 5 އަހަރުތެރޭ 20 ބިލިއަން ޑޮލަރު އިންެވެސްޓް ކުރައްވާނެ ކަމަށް ވައުދުވެފައިއެވެ. މިއަހަރު ޗައިނާއިން އުފައްދާފައިވާ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުން ވަނީ އިންޑިއާގެ ގާތްގަޑަކަށް 1 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ނިންމާފައެވެ.

ޗައިނާގެ ކުންފުނިތަކުން ވަނީ އިންޑިއާގެ އަމިއްލަ ކުންފުނިތަކުގަ އިވެސް އިންވެސްޓްކޮށްފައިއެވެ. އެގޮތުން ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެގައުމުގެ ކުންފުނިތަކުންވަނީ 3.7 ބިލިއަން ޑޮލަރު އިންޑިއާގެ ތަފާތު އެކި ވިޔަފާރިތަކުގައި އިންވެސްޓްކޮށްފައެވެ. 2015 ވަނަ އަހަރު ޗައިނާގެ އަލިބާބާ އިންވަނީ އިންޑިއާގައި 12 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. 2016 ވަނަ އަހަރު ޗައިނާގެ ވިޔަފާރިވެރިން އެގައުމުގައި 1050 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވެއެވެ. އަދި 2017 ވަނަ އަހަރުވެސް ޗައިނާގެ ވިޔަފާރިވެރިން ވަނީ އެތަކެއް ބިލިން ޑޮލަރު އިންޑިއާގައި އިންވެސްޓްކޮށްފައެވެ. މީގެ ތެރޭގައި އަލިބާބާ، ޓެންސެންޓް އަދި ފޮސަން ފާމަރ ފަދަ ޗައިނާގެ ބޮޑެތި ކުންފުނިތަށް ހިމެނެއެވެ.

މީގެ އިތުރުންވެސް ޗައިނާއިން ދަނީ އިންޑިއާގައި ތަފާތު ވެހިކަލްތަށް އުފެެއްދުމަށްވެސް އިންވެސްޓް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނިސްބަތްވާ ގުޖްރާތުގައި ޗައިނާއިން ދަނީ މި ސިނާއަތް ކުރިއެރުވުމަށް އިންވެސްޓް ކުރަމުންނެވެ. މިފަދަ އިންވެސްޓްމަންޓްތަކުގެ ފައިދާ ނިސްބަތުން އިތުރުވުމުގެ ސަބަބުން ކުރިއަށްއޮތް ތަނުގައި އިންޑިއާގައި އިންވެސްޓް ކުރާ ބޭރު ގައުމުތަކުގެ ގަދަ 10 އެއްގައި ޗައިނާ ހިމެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޗައިނާގެ ސްމާޓް ފޯނު އުފައްދާ ޝޯމީ، ވާވޭ އަދި އޮޕޯ އިން އިންޑިއާގައި ފޯން އުފައްދާ ކާރުހާނާތަށް ދަނީ ހިންގަމުންނެވެެ. އަދި މިކުންފުނިތަކުގެ ފޯނުތަށް އިންޑިއާގެ ބާޒާރުގައި ވަނި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ޝޯމީ ގެ ވިޔަފާރި ވަނީ 2017 ވަނަ އަހަރު %259 ކުރިއަރާފައެވެ. ޗައިނާ އާއި އަޅާ ބަލާއިރު އިންޑިއާގެ ކާރުހާނާތަކުގައި މަސައްކަތްކުރާ މީހުނަށް ދޭންޖެހޭ މުސާރަ ކުޑަވުމަކީ އިންޑިއާ ޗައިނާގެ އިންވެސްޓަރުންނަށް މުހިންމުވާ އެއް ސަބަބެވެ.

ދެ ގައުމުގެ އިގްތިސާދުގެ ދެމެދުގައިވާ ފަރަގު ކުޑަވަމުންދާ ދިއުމާއި އިންޑިއާގެ އިގްތިސާދު ކުރިއަރަމުންދާ ގޮތް ޗައިނާ އަށްވުރެ ހަލުވި ވުމުން އެގައުމަށް ޗައިނާގެ އިންވެސްޓަރުންގެ އިތުބާރުވަނީ ލިބިފައެވެ. މިދިޔަ 2 އަހަރު ތެރޭގައި ޗައިނާއިން އިންޑިއާގައި ކޮށްފައިވާ އިންވެސްޓްމަންޓް ވަނީ ދެގުނައަށް އިތުރުވެފައިއެވެ. ޗައިނާގެ އިންވެސްޓަރުންގެ ސަބަބުން އިންޑިއާގެ ކުންފުނިތަކަށް މާލީ މަންފާކުރުމުގެ އިތުރަށް ޗައިނާގެ ކުންފުނިތަކުގެ މޮޑެލްތަށް ދަސްކޮށް އެގޮތަށް ކުރިއެރުމުގެ ފުރަސަތުވެސް ވަނީ ލިބިފައެވެ. ދެ ގައުމުގެ މެދުގައިވާ އެއްގޮތް ސިފަތަކުގެ ސަބަބުން އެމެރިކާގެ ވިޔަފާރި މޮޑެލްތަކުގެ ބަދަލުގައި އިންޑިއާގެ ވިޔަފާރިވެރިން ބޮޑަށް ބަރޯސާވަނީ ޗައިނާގެ މޮޑެލްތަކަށެވެ.