ފަސް ގައުމެއް ގުޅިގެން ހުޅަނގުގެ ގައުމުތަކާއި ވާދަކުރުމަށް އުފައްދާފައިވާ ބްރިކްސް އިއްތިހާދުގެ މެމްބަރުކަން އިތުރު ހަ ގައުމަކަށް ދިނުމަށް ނިންމައި، އެގައުމުތަކަށް ބްރިކްސްގައި ބައިވެރިވުމުގެ ދައުވަތު ދީފިއެވެ.

ދެކުނު އެފްރިކާގައި ބޭއްވި ބްރިކްސް ސަމިޓުގެ ފަހު ދުވަހު އެ ގައުމުގެ ރައީސް ސައިރިލް ރަމަފޯސާ ވިދާޅުވިގޮތުގައި ބްރިކްސްގެ މެމްބަރަކަށް ވުމަށް އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅާ، މިހާރު ތިބި ފަސް މެމްބަރު ގައުމުން ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

މިވަގުތު ބްރިކްސްގައި ހިމެނެނީ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެވެ.

ބްރިކްސްގެ މެމްބަރުކަން އަންނަ ޖަނަވަރީ މަހު ދިނުމަށް ނިންމާފައިވާ ގައުމުތަކަކީ އާޖެންޓީނާ، މިސްރު، އިތިއޯޕިއާ، ޔުނައިޓެބް އެރެބް އެމިރޭޓްސް، ސައުދީ އަރަބިއްޔާ އަދި އީރާނެެވެ. އަދި އިތުރު ގައުމުތަކަށް ވެސް މި ފުރުސަތު ފަހުން ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާއަށް ބްރިކްސްގެ މެންބަރުކަން ދިނުމަކީ މިއިއްތިހާދު ވަރަށް ބޮޑަށް ވަރުގަދަ ވެގެން ދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި އީރާނަށް އެއިއްތިހާދުގެ މެންބަރުކަން ދޭން ނިންމުމަކީ ހުޅަނގުގެ ގައުމުތައް ހާއްސަކޮށް އެމެރިކާގެ ނުރުހުން ލިބޭނެ ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މެމްބަރުން އިތުރުކުރުމަކީ ތާރީހީ ނިންމުމެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވިދާޅުވި އެވެ. އަދި މިއީ ބްރިކްސްގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުމުގެ އާ މަރުހަލާއެއްގެ ފެށުން ކަމަށާއި މީގެ ސަބަބުން ބްރިކްސްގެ އެއްބާރުލުން ވަރުގަދަވެ ދުނިޔެއަށް އަންނަ ސުލްހަ އާއި ތަރައްގީ އިތުރުވެގެން ދާނެ ކަމަށް ރައީސް ޝީ ވިދާޅުވިއެވެ.

ބްރިކްސްގެ މި ނިންމުމާ ގުޅިގެން އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހްމަދު ވިދާޅުވީ މިއީ އޭނާގެ ގައުމަށް "އުފާވެރި ވަގުތެއް" ކަމަށެވެ.

ބްރިކްސް އިއްތިހާދު ވަރުގަދަކޮށް ގައުމުތައް އިއްތިހާދަށް އިތުރު ކުރަން އެންމެ ބޮޑަށް ވަކާލާތު ކުރަނީ ރަޝިޔާ އާއި ޗައިނާއިންނެވެ. މިއީ ހުޅަނގުގެ ފިއްތުންތަކާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ރަޝިއާ އާއި ޗައިނާ އަށް ލިބޭ ފުރުސަތެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙިންނަބެ

    ދެން ތިޔަ ކްލަބުގައި ބައިވެރިކުރޭ

  2. އަބްދޫ

    ތިޔަދަނީ ރަނގަޅަށް. އެމަރިކާއިން ރުނިޔޭގެ އިގްތިސާދާއި މެދުއިރުމައަޗަށް ހަމަޖެހުން ގެނެސް ނުދީ ގައުމުތަކަށް ބިރުދައްކައިގެންނާއި އިގްތސާދީ ދަތި ކަން ފޯރުކޮށްގެން ފިޔަވަޅުއަޅައިގެން ންނާއި ގައުތަކުގެ ރިޒާވްއާއި މުދާ ގަނޑުކޮށްގެން ގައުމުތައް ބްލެކްމެއިލް ކުރާކުރުމަށް ނިމުމެއް އައިސް މުޅިދުނިޔޭގެ ބާރެއްގެ ގޮތުގަ ގެންގުޅޭ ޑޮލަރަށް އިރު އޮއްސުމުގެ ދުވަސް ކައިރި ވެއްޖެ.ކޮންމެ ޓީޓީ އަކުން ނިއުޔޯކް ބޭންކަށް ނަގާ 15 ޑޮލަރު ވެސް ނިމުމަކަށް އައުން ކައިރިވަނީ މިހާރުވެސް ދުނިޔޭގެ ބައެއްގައުމުތަކުން ޑޮލަރުން މުއާމަލާތް ކުރުން އެއްކޮށްވަނީ ހުއްޓާލާފަ.