އިންޑިއާއާއި ޗައިނާ ވަކިކުރާ ސަރަހައްދީ އިމުގެ މައްސަލައިގައި ޗައިނާއާއި ދެމެދު މައްސަލަ ހޫނުވެފައި ވަނިކޮށް، އިންޑިއާއިން ނިއުކްލިއަރ ގާބިލުކަން ލިބިފައިވާ ދުރު ރާސްތާ މިސައިލެއް ޓެސްޓުކޮށްފިއެވެ.

ޕާލިމެންޓަރީ އެފެއާޒް މިނިސްޓަރު ޕްރަލްހަދު ޖޯޝީ ވިދާޅުވީ އިއްޔެގެ ވަގުތެއްގައި 'އަގްނީ-ވީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް' އެއް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި މިސައިލަކީ 5400 ކިލޯމީޓަރު (3300 މޭލު) އަށްވުރެ ވެސް ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށެވެ. މި މިސައިލަކީ އެގައުމުގެ ދިފާއީ ބާރަށް ވަރަށް މުހިންމު މިސައިލެއްކަމަށާއި، އިންޑިއާގެ ގައުމީ ސަލާމަތާއ ރައްކާތެރިކަން ވަރުގަދަކުރުމަށް ވެސް އެހާމެ މުހިންމު ވަސީލަތަކަށް ވާނެ ކަމަށް ޖޯޝީ ވިދާޅުވިއެވެ.

މި ޓެސްޓުގެ ކުރިން އިންޑިއާގެ އިދާރާތަކުން ވަނީ ބޭ އޮފް ބެންގާލްގެ ވައިގެ ސަރަހައްދުން ދަތުރުކުރުން މަނާކޮށްފައެވެ.

އިންޑިއާގެ މިޑިއާތަކުން ބުނެފައިވަނީ މި މިސައިލަށް ޗައިނާގެ ކޮންމެ ހިސާބަކަށްވެސް ވާސިލުވުމުގެ ގާބިލުކަން ލިބިފައިވާކަމަށެވެ.

އިންޑިއާއާއި ޗައިނާއާއި ދެމެދު ހިޔާލުތަފާތުވެފައިވާ އަރުނަޗަލް ޕްރަދޭޝް ސްޓޭޓްގައި އޮންނަ ސަރަހައްދީ އިމުގައި މި މަހުގެ 9 ވަނަ ދުވަހު، ދެގައުމުގެ ސިފައިންގެ މެދުގައި ހިނގި ކުރިމަތިލުމަށްފަހު ދެ ގައުމުގެ މެދުގައި ވަނީ މައްސަލަ ހޫނުވެފައެވެ. އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިންގް ވިދާޅުވީ މި ކުރިމަތިލުންތަކުގައި އިންޑިއާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާވެފައި ނުވާކަމަށާއި، އެ ސަރަހައްދުން އިންޑިއާއާއި ޗައިނާގެ ސފައިން ދުރުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ތިން ދުވަސް ފަހުން އިންޑިއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ފަރާތުގެ ސިފައިންނަށްވެސް ކުދި ކުދި އަނިޔާ ލިބިފައިވާ ކަމަށެވެ.

ދެ ގައުމު ވަކިކުރާ ސަރަހައްދީ އިމުގައި 2020 ވަނަ އަހަރު، ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުމަށްފަހު މި ދެ ގައުމުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ކުރިމަތިލުމުގައި އިންޑިއާގެ 20 ސިފައިން މަރުވެފައިވާ އިރު ޗައިނާގެ 4 ސިފައިން މަރުވެފައިވާ ކަމަށްވެސް ޗައިނާއިން ފަހުން ބުނެފައިވެއެވެ.

ހުޅަނގުގައި އޮންނަ ލަދާކް އިން ފެށިގެން އިރުމަތީގައި އޮންނަ އަރުނަޗަލް ޕްރަދޭޝްއާއި ހަމައަށް އިންޑިއާއާއި ޗައިނާ ވަކިކުރާ ސަރައްދީ އިމާއި މި ދެގައުމު ވާދަކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ. މި ސަރަހައްދީ އިމުގެ މައްސަލައިގައި އިންޑިއާއާއި ޗައިނާއާއި ދެމެދު 1962 ވަނަ އަހަރު ވަނީ ހަނގުރާމައެއްވެސް ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. The

    ތީ ދިވާލީ ގަ ބޭނުން ކުރާ ފުލެޔާ އެއްނުން

  2. ރާއްޖެތެރެ

    އެއްވެސް ގާބިލްކަމެއް ހުރި ބައެއްނުން.

  3. ރަން ރީނދޫ

    1650 މޭލް މައްޗަށް ގޮސްފައި ،ދެން އަނެއް 1650 މޭލް ތިރިޔަށް،އައިސް ޖެހޭނީ ފޮނުވާލި ލޯންޗް ޕެޑްގަ. ބާރަތު ޓެކް.